އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ ޗެއާޕާސަން އިންތިޚާބުގައި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި 50 މެންބަރުން ރީ-ރަޖިސްޓްރީކޮށްފި ނަމަ ފޮށި ބެހެއްޓުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެޕާޓީން ބުނީ ރީ-ރަޖިސްޓްރީ ވާން ހުޅުވާލީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯ އަދި މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ކަމަށެވެ. އެފުރުސަތު މި މަހުގެ 22 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
އެމްޑީޕީން ބުނީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާއިރު 50 މެންބަރުން ހަމަނުވާ ގައުމުތަކަށް ރީ-ރަޖިސްޓްރީކުރާ މެންބަރުން ވޯޓުލާ ތަން ކަމުގައި ވާނީ މިހާރު އިއުލާންކުރެވިފައިވާ ލިސްޓްގައިވާ ތަން ކަމަށެވެ.
މި މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އަދި ލ. ފޮނުދޫ ހުދުވިލާގޭ އިބްރާހީމް މުހައްމަދު (ވާޑު) އެވެ.
ޗެއާޕާސަން އިންތިޚާބުގައި ވޯޓުލެވޭނީ އޭޕްރީލް 22، 2026 ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަނިކަމަށް އެޕާޓީން ވަނީ ނިންމާފަ އެވެ.
ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މަގާމުން އިސްތިއުނާފު ކުރެއްވުމާ ގުޅިގެން، ވަގުތީ ޗެއާޕާސަންއަކަށް ހުންނެވީ އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ.








