ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފިއެވެ.
މިގޮތުން، ރާއްޖެއިން ކިޔެވުމަށް 10 ފުރުޞަތު އަދި ރާއްޖެއިން ބޭރުން ކިޔެވުމަށް 20 ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން ޚާއްސަ ސްކޮލަރޝިޕްގެ ދަށުން ސާކްގެ ޤައުމުތަކުން އަންހެނުންގެ ޚާއްސަ ބަލިތަކަށް ބޭނުންވާ އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް 5 ފުރުޞަތާއި، ސަޢުދީ ޢަރަބިއްޔާއާއި މިޞްރުގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑް އެހީގެ ގޮތުގައި 5 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގެ ފުރުޞަތުތައް:
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، ޤައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖުގައި މާސްޓަރސް އަދި ޕީ.އެޗް.ޑީ ފެންވަރަށް ކިޔެވުމަށް ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި އިސްލާމިކް ޝަރީޢާ، ޤުރުއާނިކް ސައިންސެސް، އިސްލާމިކް އެޑިއުކޭޝަން އަދި އިސްލާމިކް ލީޑަރޝިޕް ފަދަ ދާއިރާތައް ހިމެނެއެވެ.
ރާއްޖެއިން ބޭރުގެ ފުރުޞަތުތައް:
ބޭރުގެ ޔުނިވަރސިޓީތަކުގެ ތެރޭގައި މެލޭޝިއާގެ ޔޫއެސްއައިއެމް، އިންސިފް، އައިއައިޔޫއެމް، ބްރޫނާއީގެ ޔޫބީޑީ އަދި ޕާކިސްތާނުގެ އައިއައިޔޫއައި ހިމެނެއެވެ. މި ޔުނިވަރސިޓީތަކުން އިސްލާމިކް ބޭންކިންގ، ހަލާލް އިންޑަސްޓްރީ، އިކޮނޮމިކްސް އަދި ޝަރީޢާ އެންޑް ލޯ ފަދަ ގިނަ ދާއިރާތަކުން ޑިގްރީ، މާސްޓަރސް އަދި ޕީ.އެޗް.ޑީ އަށް ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ ދާއިރާތަކުގެ ބޭރުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލަކާއެކު ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ދީފައެވެ.
ޒަކާތު ހައުސް އިން ހާމަކުރާ ގޮތުގައި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިން ކަމުގައިވާންޖެހެއެވެ. އަދި އެއީ ކިޔެވުމުގެ މާލީ ފުދުންތެރިކަން ނެތް، އެހެން އެއްވެސް ފަރާތެއްގެ ސްކޮލަރޝިޕެއް ނުވަތަ ލޯނެއް ލިބިފައިނުވާ ފަރާތްތަކަށް ވާންޖެހެއެވެ. ސްޓައިޕެންޑް އެހީ ދިނުމުގައި ކައިވެނިކޮށްގެން އަނބިދަރިންނާއެކު ޔުނިވަރސިޓީން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.
މި ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް އީމެއިލް ކުރަންޖެހޭނީ [email protected] އަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ގޮތް ނިންމާނީ ޒަކާތު ސްކޮލަރޝިޕް ކޮމިޓީންނެވެ.








