ކުޅުދުއްފުށި ސިޓީގައި ހުންނަ އދ އަތޮޅު ތައުލިމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގެ އިތުރުން ޖަލާލުއްދީން ސްކޫލުގައި އެތައް ޒަމާނެއް ވަންދެން ހައްލު ނުކުރެވި ހުރި ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހައްލުކޮށްދީފައިވާ ކަމަށް އެ ތިން ސްކޫލުގެ ވެރިން ވިދާޅުވެއްޖެ އެވެ.
އަފީފުއްދީން ސްކޫލުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައި ރައީސް ސޯލިހުގެ އަރިހުގައި އެފަދައިން ވިދާޅުވިކަމަށް ސްކޫލުތަކުގެ ވެރިންނާއި ހަވާލާދީ ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އިސްވެރިން ވަނީ ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި، ޕްލޭންކުރެވިފައިވާ އުމްރާނީ މަޝްރޫޢުތައް ބާރަށް ކުރިއަށްދާތީ އެކަން ފާހަގަކުރައްވާފައި ކަމަށެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއި، އިންސާނީ ވަޞީލަތްތައް އިތުރަށް ތަރައްޤީކުރުމާއި ބެހޭގޮތުން އަދި ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ސްކޫލްތަކުގެ އިސްވެރިން ރައީސްއާ ހިއްސާ ކުރެއްވި ކަމަށެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އަފީފުއްދީން ސްކޫލަކީ ރާއްޖޭގައި އަލަށް ވަށާޖެހޭ ތަޢުލީމު ފުރިހަމަވާގޮތަށް ފަރުމާކުރާ 5 ސްކޫލުގެ ތެރެއިން މިއަހަރު ތަރައްޤީ ކުރާ 2 ސްކޫލުގެ ތެރޭގައި ހިމެނޭ އެއް ސްކޫލު ކަމަށެވެ. މި މަޝްރޫއާއި ބެހޭ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ސަރުކާރުގެ އިދާރާތަކުގެ މުސާރަތައް ހާމޮނައިޒްކުރުމުގެ ގޮތުން ސަރުކާރުން ފައްޓަވައިފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށްކަން ހާމަކުރައްވާފަ އެވެ. އަދި، ތަޢުލީމީ ދާއިރާއިން މިދުވަސްވަރު ކުރިޔަށްގެންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި 12 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ސްކޫލް ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު އޮތް ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުންވެސް ސަރުކާރުގެ ބައެއް އިސް ވެރިން ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.