ތިން ބިލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެގޮތުން ރައީސް މިއަދު ތަސްދީގު ކުރެއްވި ފުރަތަމަ ބިލަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އަލަށް ގެނައި އިސްލާހެވެ. މި ބިލުގައި އެންމެ ކުދި، ކުދިއަދި މެދުފަންތީގެ ވިޔަފާރި ގިންތިކޮށްފައިވާ މިންގަނޑުތަކަށް އިޞްލާޙު ގެނެސްފައިވެއެވެ. ހަމަ އެހެންމެ ޤާނޫނުގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ޤާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ރާވައި، ހިންގުމަށްޓަކައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ، ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާވާ ކުންފުންޏެއް ޤާއިމުކުރަންވާނެކަމަށާއި އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2017 (20 މާޗް 2017) އިން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީ.ސީ.ސީ) ކަމުގައިވެސް މި އިޞްލާހުގައި ވެއެވެ.
މީގެ އިތުރުން މި އިޞްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ ޚިދުމަތް ދެމުންދާ މަރުކަޒުތައް ބީ.ސީ.ސީއިން އަލުން ޤާއިމުކުރުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ ޚިދުމަތް ދިނުމަށް އިތުރަށް ބޭނުންވާނެ މަރުކަޒުތައް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ބީ.ސީ.ސީއިން ޤާއިމުކުރަންވާނެކަމުގައިވެސް އިޞްލާހުގައި ވެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގެ އަށްވަނަ ބާބު ކަމުގައިވާ "ވަޒީފާ އަދާކުރާ ފަރާތްތަކާގުޅޭ" ބާބު ވަނީ އުނިކޮށްފަ އެވެ.
ދެވަނައަށް ތަސްދީގު ކުރެއްވީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް، މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރެއަށް އިތުރުކޮށްފައި ވެއެވެ. އަދި ޓެކްސް ދެއްކުމަށް ދެވޭ ޚާއްޞަ އިސްތިސްނާތަކުގެ ތަފްޞީލު ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުންވެސް އާމްދަނީ ޓެކްސް ނެގުމުގެ ޤާނޫނު އިތުރަށް ފުރިހަމަކުރުމަށްޓަކައި ގެންނަންޖެހޭ މުހިންމު ގިނަ އިޞްލާޙުތަށް މި ބިލާއެކު ވަނީ ގެންނަވާފަ އެވެ.
ތިންވަނަ ބިލަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލެވެ. ތަފާސްހިސާބުގެ ޤާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކު ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކުރުމާއި، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ޤައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ހިމެނެ އެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުޞޫލުތައް ކަނޑައެޅުމަށާއި މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެއެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވާނެ އެވެ.
މި ޤާނޫނުގައިވާގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ. ޗީފް ސްޓެޓިސްޓީޝަން ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާ އެވެ.
މީގެ އިތުރުންވެސް މި ޤާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ. އަދި މި ސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށެވެ.