ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ޕާޓީގެ ލޯގޯ ދައްކާލައިފިއެވެ.
"މޯލްޑިވްސް ނެޝަނަލް ޕާޓީ" ގެ ނަމުގައި އުފެއްދުމުގެ ހުއްދަ ދީފައިވާ މި ޕާޓީގައި ލޯގޯ އާއްމު ކޮށްފައިވަނީ އެޕާޓީގެ ޓުވިޓަރ އެކައުންޓުންނެވެ. މިޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމާއި ގުޅޭގޮތުން އުޝާމް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އޭނާ އަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިން ނަމަވެސް އެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު ހަތަރު މެންބަރަކު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ.