އިސްލާމް ދީނަކީ ހައްގަކާއި ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމުގައި ދެކި އެވިސްނުން ފަތުރައި އާންމު ކުރުމަށް ދިވެހިންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތް ކުރާ ކަމަށާއި މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރަން އެދޭ ކޮންމެ މީހަކު މިކަމާއި ދެކޮޅަށް ތެދުވަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގަ އެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ބައިނަލްއަގުވާމީ ބައެއް މުޖުތަމައުތަކުންނާއި މުސްލިމް ބައެއް ގައުމުތަކުން މިއަދު ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަސްލަކީ ދީނުގެ ހަރުކަށި ފިކުރަށް އެގައުމުތަކުގައި ޖާގަ ދެވިފައި އޮތުން ކަމަށެވެ. އެއިން ކޮންމެ ގައުމެއްގައިވެސް ފުރަތަމަ ފެށުނީ އެއްބަޔަކު އަނެއްބައެއްގެ މުދަލާއި ފުރާނައަށް ގެއްލުން ދިނުމުގެ އަމަލުތައް ކަމަށާއި އޭގެ ފަހުން ފެނިގެން ދިޔައީ އެކި އެކި ފަރާތްތަކުގެ ނުފޫޒު އެގައުމުތަކުގައި ފެތުރެން ފެށި މަންޒަރުކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު އެއިން ކޮންމެ ގައުމަކީ މިނިވަންކަމާއި ސުލްހައާއި ހަމަޖެހުން ގެއްލިފައި އޮތް ގައުމުތަކެއް. އިސްލާމް ދީނުގެ ނަމުގައި އަޅުގަނޑުމެންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނަ އެޅުމުގެ އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމް ދީނާއި ގުޅުމެއް ނެތް ބާތިލު ކަންތައްތަކެއް"
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ވިދާޅުވީ ހަރުކަށި ފިކުރާއި އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި ދީނީ އުސޫލުތަކާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އިންސާނީ ހަމަބުއްދިން ވިސްނާއިރުވެސް އެފިކުރަކީ އިންސާނީ މުޖުތަމައުއެއްގައި ފަތުރަން ހެޔޮވާވަރުގެ ފިކުރެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
ހަރުކަށި ފިކުރެކޭ އެއްފަދައިން އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތަކަކީވެސް މުޖުތަމައު ބައިބައިކޮށް ފަސާދައަށް މަގުފަހި ކުރާ ވަރަށް ނުރައްކާތެރި އަމަލުތަކެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ހިންގާ އަމަލުތަކާއި އިސްލާމް ދީން އިހާނެތި ކުރުމުގެ އަމަލުތަކަކީ ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެ ފަރުދަކުވެސް އިސްކަން ދީގެން ހުއްޓުވަންޖެހޭނެ ކަންތައްތަކެއް ކަމަށެވެ.
"މިއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރޭގައި އޮވެގެން ނުވާނެ އިޖުތިމާއީ ވަރަށް ބޮޑު ދެ މައްސަލަ"
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ވިދާޅުވީ މި ހަރުކަށި ފިކުރާއި، ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލައިގެ ހަމައެކަނި ހައްލަކީ ގާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށެވެ. އެހެންނަމަވެސް އެއީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތުއްތު ކުދިން އެންމެ ޅައިރުއްސުރެއް އިސްލާމް ދީނުގެ ސައްހަ އަގީދާ އުނގަންނައިދޭންޖެހޭ ކަމަށާއި ނޫންނަމަ ކޮންމެވެސް ދުވަހަކުން އަނެއްކާވެސް މި ދެ މައްސަލަ ކުރިމަތިވާން ފަށާނެކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ތައުލީމީ ނިޒާމުގެ ތެރެއިން ދަރިންނަށް ސައްހަ އިސްލާމް ދީން އުނގަންނައިދިނުމަށް ކުރެވެންހުރި ކަންކަން ކުރުމަށްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.