މިހާތަނަށް މަސައްކަތް ކުރި އެކްޓަރުންގެ ތެރެއިން އެންމެ ގާތް ގުޅުމެއް ބާއްވަނީ ޓައިގާ ޝްރޯފްއާކަމަށް ޒުވާން ބަތަލާ ތާރާ ސުތާރިއާ ބުނެފި އެވެ.
ތާރާ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމެއް ކުޅުނީ ޓައިގާ އާއި އެކު 2019 ވަނަ އަހަރު އެވެ. "ސްޓޫޑެންޓް އޮފް ދި ޔާ 2" ގައި ޓައިގާ އާއިއެކު ތާރާ މަސައްކަތް ކުރުމަށްފަހު ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު މިދެތަރިން އެކީގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
އެހެންނަމަވެސް މިހާރު ޝޫޓު ކުރަމުންދާ "ހީރޯޕަންތީ 2" އަށް އަނެއްކާވެސް މިދެތަރިން ވަނީ ކާސްޓު ކޮށްފަ އެވެ. އިންޑިއާގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ތާރާ ބުނީ ޓައިގާ އާއިއެކު މަސައްކަތް ނުކުރި ނަމަވެސް މިދިޔަ ދެ އަހަރު ދުވަހު އަބަދުވެސް އޭނާއާ ގުޅުން އޮންނަކަމަށެވެ.
ގިނަ ފަހަރަށް ފިލްމެއްގެ ޝޫޓިން ނިމުމުން ދެ އެކްޓަރުން ގުޅުން ނޯންނަ ނަމަވެސް ޓައިގާއާއެކު އުފެދިފައިވާ ގުޅުމުގެ ސަބަބުން އަބަދުވެސް ވާހަކަ ދެކެވޭކަމަށް ތާރާ ބުންޏެވެ.
ފުރަތަމަ ބޮލީވުޑަށް ނިކުތް އިރާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން ރަނގަޅު ކުރެވިއްޖެކަމަށް ދެކޭ ކަމަށާއި ޓައިގާއާއެކު ހޭދަކުރެވުނު ވަގުތުތައް އޭގައި ބޮޑު ރޯލެއް އަދާކުރާ ކަމަށްވެސް ތާރާ ބުންޏެވެ. ދެމީހުން އެއްތަން ވެއްޖެނަމަ އަބަދުވެސް ހީ ސަމާސާކޮށް ޖޯކު ކިޔާ ހެދޭކަމަށްވެސް ތާރާ ބުންޏެވެ.
"ހީރޯޕަންތީ" އަކީ ޓައިގާ ބޮލީވުޑަށް ނިކުތް ފިލްމެވެ. އެ ފިލްމުގައި އުޅުނީ ޓައިގާގެ އިތުރުން ކްރިތީ ސެނަން އެވެ. އޭގެ ދެވަނަ ބައެއް ތާރާއާއެކު ޝޫޓު ކުރަމުން ދާއިރު ފިލްމު ރިލީޒް ކުރާނީ އަންނަ 2022 ވަނަ އަހަރު ކަމަށް ބެލެވެ އެވެ. ތާރީހު އަދި އިއުލާން ނުކުރެ އެވެ.