މިނިވަން ދުވަސް އަޅުގަނޑުމެންނާއި ބައްދަލު ކުރި އިރު ރާއްޖޭގައި އޮތީ ސިޔާދަތީ ބާރުތައް ގެއްލުމުގެ އިހްސާސްތަކެއް ކަމަށް ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުން މިދާ 56 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ އަބްދުﷲ ހަލީލް ވިދާޅުވީ، މިނިވަން ދުވަހަށް އަލިވިލުނުއިރު ރާއްޖޭގައި އޮތީ ސިޔާދަތީ ބާރުތައް ގެއްލުމުގެ އިޙްސާސްތަކެއް ކަމަށާއި ސިއްރު އެއްބަސްވުންތަކެއްގެ ޝިކާރައަކަށްވެ ރާއްޖޭގެ ބިމުން ބައެއް އަޑިނޭނގޭ ގޮތަކަށް ބާރުގަދަ ދައުލަތަކަށް ދޫކޮށްފައިވާ މަންޒަރުތަކެއް ކަމަށެވެ.
ޑރ ހަލީލް ވިދާޅުވީ ހިންގަމުން ދަނީ ހާރިޖީ ކަންކަމުގަ ބަސް ބުނުމުގެ ބާރު ގެއްލި، ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ބޭރުގެ ވަކި ދައުލަތެއްގެ ރުހުން ނެތި ޖުމްލައެއް ވެސް ނުބުނެވޭ ދުވަސްތަކެއް ކަމަށެވެ. ހާރިޖީ ގުޅުން އޮންނަންޖެހޭ ގޮތް ބުނެދެނީ އެގައުމުގެ ސަފީރު ކަމަށާއި ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް އިއުލާންކުރަނީ އެގައުމުގެ ސަފީރުން ކަމަށްވެސް ޑރ ހަލީލް ވިދާޅުވެފައިވެއެވެ. މިނިވަންކަމާއެކު މިއަދު ދިދަ ވިހުރުނަސް، މިނިވަންކަން ނެތް ބަޔަކު ގައުމުގެ ވެރިކަން ކުރުމުގެ ހިތާމަ ރައްޔިތުންވަނީ އުފުލަންޖެހިފައި ކަމަށް ޑރ ހަލީލްގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.