ރާއްޖޭގެ ވެކްސިން ޖެހޭ މުޅި އާބާދީއަށް ކޮވިޑް-19 ދިފާއު ވެކްސިން ލިބިފައިވުމީ ނަސީބެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ދިގު މުއްދަތަކަށް ވެކްސިން ޖެހުމުގެ ޕްރޮގުރާމް ލުއިކޮށް ގެންގޮސް އޮތުމަށްފަހު މިއަދު އަނެއްކާވެސް ވަނީ މާލެ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ޕްރޮގުރާމު ހަލުވިކަމާއިއެކު ފަށައިފަ އެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިން ލައްކައަކަށްވިރެއް ގިނަ މީހުންނަށް ވެކްސިން ނުދެވުނީ ރާއްޖެއިން ވެކްސިން ހުސްވުމާއި ގުޅިގެންނެވެ.
އޭގެ ފަހުންވެސް ޗައިނާއިން ހަދިޔާ ކުރި ސިނޯފާމް ވެކްސިން ދެމުން ދިޔަ އެވެ. އެހެންނަމަވެސް ވެކްސިން ހުރި އަދަދު މަދުވުމާއިއެކު ޕްރޮގުރާމުގައި އޮތީ ލަސްތަކެއް އައިސްފަ އެވެ.
އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ލިބުމުން ވެކްސިން ޖަހަން ފެށި އެވެ. އޭގެ ފަހުން ސަރުކާރުން ގަތް އެސްޓްރެޒެނިކާ ވެކްސިންވެސް ލިބި ވެކްސިން ޖެހުމުގެ ޕްރޮގުރާމް ހަލުވި ކުރި އެވެ.
މިކަމާއި ގުޅިގެން ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވީ ކޮވިޑް ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ފައިވެފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމީ ދިވެހިންގެ ނަސީބު ކަމަށެވެ.
"މި ފުރުސަތުގެ ބޭނުން ހިއްޕަވައި އާންމު ހާލަތަށް ރުޖޫއަވުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ!"
- ނައިބު ރައީސް ފައިސަލް ނަސީމް
ވެކްސިން ޖެހުމުގެ ޕްރޮގުރާމު އަލުން ރާއްޖޭގައި ފެށިއިރު ރައީސް ސޯލިހުވެސް މިއަދު ވަނީ ވެކްސިން ނުޖަހާ އެންމެން ވެކްސިން ފުރިހަަމަކުރަން އިލްތިމާސް ކޮށްފަ އެވެ. އާންމު ހާލަތަށް ރުޖޫއަ ވެވޭނީ ވެކްސިން ޖަހައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އޯގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެ މަދުވެގެން 90 އިންސައްތައަށް ވެކްސިން ދިނުމެވެ. އެއާއެކު އިތުރު ލުއިތައްވެސް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.