މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ބިރު ދެއްކުން ވަނީ އިތުރު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
މަރު ކޮމިޝަނަށް ރައީސް ޔާމީން އަންގާރަ ދުވަހު ހާޒިރު ކުރަން ނިންމުމާއި ގުޅިގެން އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ،
މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާ ބިރު ދެއްކުން މިދަނީ އިތުރުވަމުން ކަމަށެވެ.
އަދި ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫން ކަމަށާއި ކޮންމެ ކަމަކާވެސް ކުރިމަތި ލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު ކަމަށް އަދުރޭ ވިދާޅުވިއެވެ. މަރު ކޮމިޝަނަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެކި ކަންކަމާއި ގުޅިގެން މަރާލެވިފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މަރުތައ ތަހުގީގު ކުރުމަށް މި ސަރުކާރުން އުފެއްދި ކޮމިޝަނެކެވެ. އެގޮތުން އެ ކޮމިޝަނުން ދަނީ އެކި ފަރާތްތަކުން ތަހުގީގަށް ހާޒިރު ކުރަމުންނެވެ.
ރައީސް ޔާމީންވެސް އެ ކޮމިޝަނަށް ހާޒިރު ކުރަން ނިންމާފައިވަނީ ރިލުވާން ގެއްލުވާލި މައްސަލާގެ ތަހުގީގަށް ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ.