ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ބެހެއްޓުމަކީ ސަރުކާރުން ބޭނުންވާ ގޮތްކަމަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
މިދިޔަ މެއި މަހުގެ 6 ވަަނަ ދުވަހުގެރޭ އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ ސެކިއުރިޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އިންކުއަރީއަށްފަހު ރިޕޯޓެއް ތައްޔާރުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވިއިރު، އެރިޕޯޓުގައި ވަނީ ސަރުކާރުން ތަންފީޒުކުރަންޖެހޭ އެތައް ކަމެއް ފާހަގަކޮށްފަ އެވެ. މިއިން އެއްވެސް ކަމަކަށް ސަރުކާރުން މިހާތަނަށް އަމަލުކޮށްފައެއް ނުވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އިއްޔެ ވިދާޅުވީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ސަރުކާރުން އަމަލުކުރަން ނިންމާފައިވާ ގޮތް ނޭނގެނީސް ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިމައްސަލައިގައި މެމްބަރު އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އިޖާބަ ދޭނެކަމަށް ނުފެންނަ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވިނަމަވެސް އެކަންވެސް ކާމިޔާބުވެފައި ނުވާކަން އާދަމް ޝަރީފު ފާހަގަކުރެއްވި އެވެ.
"ރައީސް ނަޝީދު ބޭރުގަިއ ބެހެއްޓުމަކީ ބޭނުންވާ ގޮތްކަމަށް ވެދާނެ؟ ރައީސްގެ ގާނޫނީ ޒިންމާ އަދާކުރެވޭނެ ގޮތް ހަދަންޖެހޭ"
- މެމްބަރު އާދަމް ޝަރީފު އުމަރު
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އެމަނިކުފާނަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން އާ މައުލޫމާތުތަކެއް އާންމުކޮށް ޕީޖީން ކޯޓަށް ދައުވާ ކުރަން ފޮނުވުމާއިއެކު އެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ވާގޮތް ވަނީ ނުވެފަ އެވެ.
ދާދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ސަރުކާރަށް ދަންނަވަން ވަނީ ފާސްކޮށްފަ އެވެ. ރައީސް ނަޝީދު ހުށަހެޅުއްވި އެ ގަރާރަށް އެމްޑީޕީ ގައުމީ މަޖިލީހުގައި ލިބުނީ ފިނި ތަރުހީބެކެވެ. ފާސްވީވެސް ކިރިޔާ އެވެ. ގިނަ މެމްބަރުން އެރޭގެ ޖަލްސާގައިވެސް ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވީ މަޖިލީހުން ފާހަަގަކުރި ކަންކަމާއިމެދު ސަރުކާުރުން އަމަލުކުރާ ގޮތް އެނގެން ޖެހޭނެ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އެފަދައިން އެދިވަޑައިގެންނެވުމުން ސަރުކާރުންވެސް އެކަން ބަލައިގަންނާނެ ކަމަށް ގަބޫލު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.