ސުކޫލަށްދާ ބެލެނިވެރިން ތިބެނީ ވެކްސިން ޖަހައިގެންތޯ ޔަގީން ކުރަން ކާރޑެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ބެލެނިވެރިން ސުކޫލަށް ވަންނައިރު ވެކްސިން ފުރިހަމަކޮށްފައި ތިބޭ ކަން ޔަގީން ކުރުމަށް ގްރީން ކާރޑް ހެދުމަށް އެޗްޕީއޭއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް މި ނިޒާމު ގާއިމު ކުރެވޭނެ ކަމަށެވެ. އަދި ވެކްސިން ޖެހޭ އުމުރުފުރާގެ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް އަންނަ ހަފްތާގައި ފަށާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ސުކޫލްތައް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކާއެކު ކަމަށާއި ސަމާލުކަން ދެނީ ރައްކާތެރިކަމާއެއްކޮށް ގޮސް ސުކޫލްތަކުގައި ކިޔެވުން ކުރިއަށް ގެންދަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ސުކޫލްތަކުގައި ތޮއްޖެހި ނުދާނެ ފަދަ ހުރިހާ ގޮތަކަށް ސެޝަންތައް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ޑިޖިޓަލް ފޮތްތައް ބައެއް ގްރޭޑްތަކަށް އަދި ހާރޑު ކޮޕީ ފޮތްތައް ބައެއް ގްރޭޑްތަކަށް ދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
އެ ގޮތުން ގްރޭޑް 9 އަދި އެގާރައިގެ ކުދިން ކިޔަވާނީ ޑިޖިޓަލް ފޮތްތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރަން ވަރަށް އިސްކަމެއް ދީގެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.