ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޓީޗަރުންގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިޖުތިމާއި ގިނަ މައްސަލަތަކެއް ހައްލު ކުރުމުގައި ޓީޗަރުން މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސް ވިދާޅުވި އެވެ.
"ހަގީގަތުގައި ޓީޗަރުންނަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުކަމަށްވާ މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒު ކޮށްދެއްވާ ބޭފުޅުން. އޭގެ އިތުރުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށްޓަކައިވެސް، ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަކީ ވަރަށް ބޭނުންތެރިކަމެއް"
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރެހެންދި ސްކޫލުގައި މިއަދު އޮތް ހާއްސަ އެސެމްބްލީގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އާ އާންމު ހާލަތަށް ދިޔުމަށް ވެކްސިން މުހިންމު ދައުރެއް އަދާކުރާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިއަދު ފެށުނު ދިރާސީ އާ އަހަރާއިއެކު ވެކްސިން ޖެހުމުގެ ޕްރޮގުރާމަށް އިތުރު ހަލުވިކަމެއް ލިބިގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ހުރިހާ ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ހާއްސަ ޕްރޮގުރާމެއް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ މިހާރުގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުން"
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މިމަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވައި ހުރިހާ ކުދިންނަށް ވެކްސިން ޖަހައިދިނުމަށް ބެލެނިވެރިންނާއި މައިންބަފައިންނަށް ރައީސް ވަނީ އެދިލައްވައިފަ އެވެ.
ރައީސް ވަނީ ކޮވިޑްގެ ހާލަތުގައި ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތައް ފާހަގަކުރައްވައިފަ އެވެ. އެ އުސޫލުތަކަށް ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ދަރިވަރުންވެސް އަމަލު ކުރެއްވުމަށް ރައީސް އެދިލެއްވި އެވެ. އަދި އެ އުސޫލުތަކުގައި ހިފެހެއްޓުމަކީ ކިޔެވުން މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތުން އަރައިގަނެވޭނީ އެންމެ އެކުގައި ކުރާ މަސައްކަތުންކަމަށް ރައީސް ވިދާޅުވި އެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.