މިދިޔަ ޖުލައި މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް 624.07 މިލިއަށް ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފި އެވެ.
މިއަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާ ބަލާއިރު 6.2 އިންސައްތަ މަދު އަދަދެކެވެ. މީރާއިން ބުނީ ދަށްވުމެއް އައިސްފައި ވަނީ ޖުލައި މަހުގެ ނިޔަލަށް ދައްކަން ޖެހޭ ބައެއް ޓެކްސްތައް ދެއްކުމުގެ މުއްދަތު އިތުރުކޮށްފައިވާތީ ކަމަށެވެ.
ޓެކްސް ދެއްކުމުގެ މުއްދަތު އިތުރު ކުރީ ބޮޑު އީދު ބަންދާއި، މިނިވަން ދުވަހުގެ ބަންދު ދުވަސްތަކެއް ޖުލައި މަހުގެ ފަހުކޮޅަށް ވަނުމުންނެވެ.
މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ލިބުނު 624.07 މިލިއަން ރުފިޔާގެ ތެރެއިން ޑޮލަރުން ލިބިފައިވަނީ 21.1 މިލިއަނެވެ.
ފާއިތުވި އަހަރާއި އަޅާ ބަލާއިރު، ބިމުގެ ކުލި، އާމްދަނީ އިން ނެގޭ ޓެކްސް، އަދި ހިދުމަތްތަކާއި މުދަލުން ނެގޭ ޓެކްސް ލިބުނު މިންވަރުވެސް ވަނީ މަދުވެފަ އެވެ.
މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު މިއަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ މަދުވެފައިވީ ނަމަވެސް، މިއަހަރު ލިބުނު އާމްދަނީއަކީ ލިބޭނެކަމަށް ސަރުކާރުން ލަފާކުރި އާމްދަނީއަށްވުރެއް 13 އިންސައްތަ އިތުރު އަދަދެކެވެ. ލަފާކުރި ވަރަށްވުރެއް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަކާއި މުދަލުން ނެގޭ ޓެކްސް އަދި އާމްދަނީ އިން ނެގޭ ޓެކްސް އެވެ.
އާމްދަނީގެ ވަކިވަކި ބައިތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީއިންނެވެ. މިގޮތުން ޖުމްލަ އާމްދަނީގެ 46.7 އިންސައްތަ އަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. މީގެ އިތުރުން ފަތުރުވެރި ކަމަށް ދޫކޮށްފައިވާ ރަށްރަކުން ލިބޭ ބިމު ކުލި އާމްދަނީގެ 17.9 އިންސައްތަ ހިއްސާ ކުރާއިރު، އާމްދަނީ އިން ނެގޭ ޓެކްސް 17.6 އިންސައްތަ ހިއްސާކުރެ އެވެ. އަދި ގްރީން ޓެކްސް އާމްދަނީގެ 4.5 އިންސައްތަ ހިއްސާ ކުރާއިރު ވާކް ޕާމިޓު ދޫކޮށްގެން ލިބޭ ފައިސާ އަކީ އާމްދަނީގެ 4.2 އިންސައްތަ އެވެ.