ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ޖުމްލަ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ނުފެނި އޮތް ހަތަރު ހަށިގަނޑު މިއަދު ފެނިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި އެ މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެ މީހުން ޑައިވްކުރަން ފޭބި ހޮހޮޅައިގެ (ކޭވް) ތެރެއިންނެވެ. އެއީ ވ. އަލިމަތާ ކޭވްއެވެ.
މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އިޓަލީ ސަރުކާރުގެ ފަރާތުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
ހާދިސާ ހިނގީ، ގާތްގަނޑަކަށް 60 މީޓަރު ފުންމިނުގައި ހުންނަ ކޭވްއަކަށް ފަސް އިޓަލީ ފަތުރުވެރިން ފީނި ތަނުންނެވެ. ރާއްޖޭގެ ޓޫރިސްޓް ޑައިވިން ގަވާއިދުގެ ދަށުން، ހުއްދަ ލިބިގެން ފީނެނީ 30 މީޓަރާ ހަމައަށެވެ. ގަވާއިދާ ހިލާފަށް ޑައިވަރުން ގޮވައިގެން ފީނި “އެމްވީ ޑޫކް އޮފް ޔޯކް” ސަފާރީގެ ލައިސަންސް ވަނީ ހިފަހައްޓައިފަ އެވެ.








