މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މޭޖަރ އިބްރާހިމް އާޒިމްއެވެ. އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި މޭޖަރ އިބްރާހިމް އާޒިމްގެ ބަދަލުގައި މިއަދުން ފެށިގެން އެމަގާމަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސާފައިވާ ކަމަށެވެ.
އިންފޮމެޝަން އޮފިސަރުގެ މަގާމުގައި ހުންނެވި އާޒިމް ބަދަލު ކުރެއްވީ ކީއްވެ ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ އިދާރާގެ އިންފޮމޭޝަން އޮފިސަރަކަށް އަންހެން ބޭފުޅަކު ހަމަޖެއްސި މީ ފުރަތަމަ ފަހަރެވެ.
މިންތީގެ ހަމަ ހަމަކަން ގާއިމު ކުރުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގައި ސިފައިންގެ ކަނބަލުންނަށް އެ މުއައްސަސާއިން ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.