ވަޒީރަކު ތުހުމަތެއް ކުރުމުން އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމްޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ ގާނޫނީ ޒިންމާ އަދާނުކުރެވޭ ހާލަތަށް ގައުމު މިވަނީ ވެއްޓިފައި ކަމަށެވެ. ވަޒީރަކު މިފަދަ ވާހަކަތަކެއް ދެއްކެވީމަ އެކަން ތަހުގީގުކޮށް ފިޔަވަޅު ނާޅާ ނަމަ އެއިން ދޭހަވަނީ ގާނޫނީ ވެރިކަމެއް ރާއްޖޭގައި ނެތްކަން ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވެފައި މިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ހެކި އެބަހުރި ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
މިނިސްޓަރ މަހުލޫފު ވިދާޅުވާ ހެއްކަކީ ކޮބާތޯ ސުވާލުކޮށް އިދިކޮޅު ފަރާތްތަކުގެ އިތުރުން ގިނަ އާއްމުންވެސް ދަނީ ވީހާވެސް އަވަހަކަށް އެކަން ހާމަކޮށްދިނުމަށް ސޯޝަލް މީޑިއާގައި އެދެމުންނެވެ.