ކ.ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހާމަކޮށްފިއެވެ.
އެމިނިސްޓްރީން ބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމުގައި ބެލެވޭ ކަމަށެވެ. އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު އެ މިނިސްޓްރީން ބަލަމުންދަނީ އެތަނުން އަރާ ދުން ވީހާވެސް މަދު ކޮށްގެން އެމަސައްކަތްކޮށް ނިންމާލުމަށް ކަމަށެވެ. ނަމަވެސް އެގޮނޑަކީ އެތަކެއް އަހަރުވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން އެތަނުގެ ޙާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސްވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއްކަމުގައި ބެލެވޭތީ އެކަމަކީ ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިމަތިވެދާނެ އުނދަގުލެއްކަމުގައި ފެންނާތީ އެކަން އެއްމެހާފަރާތްތަކުގެ ސަމާލުކަމަށް ވަނީ އެ މިނިސްޓްރީން ގެނެސްފައެވެ.
އެ މިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން މަސައްކަތް ކުރަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގޮނޑުން ދުންއެރުން ހުއްޓުވާ އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމުކޮށް ނިންމުމަށް ކަމަށްވެސް އެންވަޔަރމަންޓް މިނިސްޓްރީން ހާމަކުރެއެވެ. މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް) ގެ އެހީގައި މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގެ އެހީ އާއެކު ފެށުމަށް އެ މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.