ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަގުމަތީގައި ކުނި ނުބެހެއްޓުމަށާއި އެދުވަހުން ފެށިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުރަމާލެ ސަރަހައްދުގެ އާއްމު ހާލަތު ރަނގަޅުވަމުންދިއުމާއި މިކަމަށް ރިއާޔަތްކޮށް އެ ކޯޕަރޭޝަނުން މާލެ ސަރަހައްދުގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މި ގޮތުން 15 ސެޕްޓެމްބަރުން ފެށިގެން މާލެ ސަރަަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންވާނީ ހަވީރު 18:00 އިން 19:00 އާއި ދެމެދުގައި ކަމަށެވެ. އަދި މި ގެނެވޭ ބަދަލާ ގުޅިގެން ވެމްކޯއިން ހިދުމަތް ފޯރުކޮށްދޭނީ އިމާރާތުގެ އެތެރެއިން ގޭގެ އެންމެ ތިރީ ފަންގިފިލާއަށް ކަމަށާއި މި ގަޑިތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމު ހަމަޖެއްސުމަށް ވަނީ އެދިފައެވެ.
އަދި ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ހަރަކާތް ތެރިވަމުން ދާނީ ރޭގަނޑު 20:00 އިން 23:00 ދެމެދުގައި ކަމަށް ވާއިރު ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކި ވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އެކުންފުނިން ހާމަކުރެއެވެ. މީގެ އިތުރުން ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަޖިސްޓަރ ކުރެވިފައިވާ ގޭބިސީތަކަށް ކަމަށް ވެސް ވެމްކޯއިން ހާމަކުރެއެވެ.
ސިޓީ ކައުންސިލުން މަގުމަތީ ކުނިބެހެއްޓުން މަނާ ކުރުމާއި ގުޅިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް އިލްތިމާސް ކުރުމާއެކު މިހާލަތުގައިވެސް ރައްކާތެރި ގޮތުގައި ކުނި ބަންދު ކުރުމަށާއި އެންގިފައިވާ ވަގުތުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވެއެވެ. އަދި މިއާއެކު އެ ކޯޕަރޭޝަންގެ ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓަރ ނުކުރާ ފަރާތްތައް ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ބުނެފައިވެއެވެ.