2015 ވަނަ އަހަރު ޖަލަށްލުމުން 2018 ވަނަ އަހަރުގެ ވެރިކަމަށް ތައްޔާރުވާން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އެންގެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސް އެޕް ގްރޫޕަށް ކުރެއްވި މެސެޖްތަކެއްގައި ނަޝީދު ވިދާޅުވެފައިވަނީ 2015 ވަނަ އަހަރު މިހާރުގެ ރައީސް އަރިހުގައި ރައީސް ކަމަށް ކުރިމަތިލުމަށް ތައްޔާރުވުމަށް ދެންނެވި ކަމަށާއި ރައީސުލްޖުމުހޫރިއްޔާ މިކަން ހަނދާން ހުންނާނެ ކަމަށެވެ. އަދި ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ވަރަށް ގިނަ ފަރާތްތަކުން އޮޅުން ފިލުއްވާ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ކަނާއަތު ތިން އިނގިލި އަދިވެސް އޮންނަނީ ވަރަށް ބޮޑަށް އައްސިވެފައި ކަމަށް ވާއިރު އެ އިނގިލިތަކުގެ ބޭނުމެއް ނުކުރެވޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ޑޮކްޓަރުން ބަލާފައި ބުނަނީ އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށް ކަމަށާއި މިހާރުވެސް ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ޑޮކްޓަރަށް ދާން ޖެހޭ ކަމަށެވެ. އަދި ރާއްޖެ އަންނަން ފަސޭހަވާނީ ޑޮކްޓަރަށް ދެއްކުން މަހަކަށް ބަދަލުވުމުން ކަމަށާއި މެއި ހައެއްގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ފައިސާ ހަރަދު ކުރި މީހުންގެ ތަހުގީގު ނިމުމުން ނޫނީ ރާއްޖެ ދެވެން ނެތް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދުގެ ހަޔާތުގެ ވަރަށް ގިނަ ދުވަސް ވޭނާއި ހިތާމައިގައި ހިނގައްޖެ ކަމަށާއި މިހާރު އެމަނިކުފާނުގެ އުމުރަކީ 53 އަހަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ.