ނަޝީދާއެކު އެއްވެސްކަމެއްގައި މަޝްވަރާ ކުރުމުގެ ޝައުގުވެރިކަމެއް ޕީޕީއެމްގައި ނެތް ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ކުރީގެ ރައީސް ނަޝީދު މިއަދު ޕީޕީއެމާއެކު ސިޔާސީ މަޝްވަރާ ކުރާނީ އިންޑިއާއަށް ބަދު ބަސް ބުނުން ހުއްޓާލުމުން ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދާއެކު އެއްވެސްކަމެއްގައި މަޝްވަރާ ކުރުމުގެ ޝައުގުވެރިކަމެއް އަދި މަޝްވަރާކުރަންޖެހޭ ސަބަބެއްވެސް ޕީ.ޕީ.އެމްގެ ނެތް ކަމަށެވެ. ނޫސްވެރިންގެ މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވަނީ ޕާޓީތަކުގެ އެއްބަސްވުން ގިނަ ކަންކަމުގައި ހުންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ވަކިން ހާއްސަކޮށް އަވަށްޓެރި ގައުމުތަކާއި އޮންނަ ގުޅުންތަކާއި ހާރިޖީ ސިޔާސަތު މިއީ މުހިންމު ކަމެއް ކަމަށެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ "އައްޑަނަ" ޖަލްސާގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން އިންޑިއާއަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވުމުން ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވައްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑައިމީސް ބަސްތަކުން ވާހަކަ ދައްކަވާކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ.