އެކި ގްރޭޑްތަކުގެ ސުކޫލް ފޮތްތަކުން ފެންނަ ގޯސްތައް، ސަރުކާރުން ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކޮށްފިއެވެ.
ދަރިވަރުންނަށް އުނގަންނައިދޭން ބޭނުންކުރާ ބައެއް ގުރުއާން ފޮތް ޕްރިންޓު ކުރިއިރު ދެ އާޔަތެއް އެކުވެފައި އޮތްކަން ފާހަގަކުރެވި އެ ސޮފްހާ ބަދަލުކުރަން މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވީ އެއް ފޮތަށްވުރެ ގިނަ ފޮތުން ކުށް ފެނިގެން ދިއުމަކީ ތައުލީމީ ނިޒާމު މިއަދު ފެއިލްވެފައިވާކަމުގެ ހެއްކެއް ކަމަށެވެ.
މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މިއީ ގަސްތުގައިކޮށްފައިވާ ކަމެއް ނޫން ކަން ސަރުކާރުން ޔަގީން ކޮށްދޭން ޖެހޭ ކަމަށާއި މިއީ ހިއުމަން އެރާއެއް ކަން ގަބޫލުކުރަން ވަރަށް ދަތި ކަމަށެވެ. ސަބަބަކީ ކުށް ފެނިފައިވަނީ އެންމެ ފޮތަކުން ނޫން ކަމަށްވާތީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ތައުލީމީ ނިޒާމަށް މި ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ދަރިވަރުންގެ މެެދުގައި ގައުމިއްޔަތުގެ ރޫހު އާލާކުރުމަށް ކުރެވޭ މަސައްކަތަށް ވެސް ހުރަސް އެޅެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގައި ސަރުކާރުގެ ނިޔަތް ނޭންގޭ ކަމަށާއި މިއީ ފަހަރެއްގައި ރައްޔިތުން ޓެސްޓުކޮށްލަން ސަރުކާރުން ކުރާ ކަމަކަށް ވުން ވެސް އެކަށީގެންވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ އާޔަތެއް އެކުވެފައިވާކަން މިނިސްޓްރީއަށް ފާހަގަކުރެވުމާއި ގުޅިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ސޮފްހާ ބަދަލުކުރަން އަމަލުކުރަންޖެހޭ ގޮތް ސްކޫލުތަކާއި ހިއްސާކޮށް ސްކޫލުތައް މެދުވެރިކޮށް އެކަން ބެލެނިވެރިންނާވެސް މިހާރު ހިއްސާކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.