ވަޒީފާގެ ފުރުސަތުތަކަށް އަމާޒުކޮށް ސަރުކާރުން ހިންގާ ވާޗުއަލް ޕްލެޓްފޯމު މެދުވެރިކޮށް، ކުރިއަށް އޮތްތަނުގައި އިސްކަން ދޭނީ ދިވެހިންނަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޖޮބް ޕޯޓަލް ރީލޯންޗު ކުރުމަށް ރ. އަލިފުށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޝަރުތު ހަމަވާ ދިވެހިން ވަޒީފާތަކަށް ރަޖިސްޓްރީކޮށްފައި އޮއްވައި އެ މަގާމުތަކަށް ބިދޭސީން ނުގެންނާނެ ކަމަށެވެ. މުސްތަގުބަލުގައި ބޭރުން މީހުން ގެނައުމުގެ ބަދަލުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޖޮބް ސެންޓަރުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އަތޮޅުތެރޭގެ ރަށްތަކުގައި ސެންޓަރުތައް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު އެފަދަ ފުރަތަމަ ސެންޓަރު ގާއިމްކުރާނެ ރަށަކީ އަލިފުށިކަމަށް ރައީސް ވިދާޅުވި އެވެ.
ވަޒީފާގެ ބާޒާރާއި ގުޅިގެން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މަދުކުރުން ކަމަށެވެ. އެގޮތުން މިސަރުކާރުން މިހާތަނަށް ކުރި މަސައްކަތުން ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ވިދާޅުވި އެވެ. ރައީސް ސޯލިހު ވެރިކަމާއި ހަވާލުވިއިރު 56،000 ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ޕާމިޓް ދީފައިވާ ކަމަށާއި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވޯކް ޕާމިޓް ދީފައިވަނީ 8،900 މީހުންނަށްކަމަށް ރައީސް ވިދާޅުވި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އަލިފުށީގައި ގާއިމްކުރާ ޖޮބް ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިއެއްބަސްވުން ގާއިމްކުރީ އަލިފުށީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ އާއި ދެމެދު އެވެ.
ބޭރުގެ ފަރާތްތަކަށް ވަޒީފާ ދޭ މިންވަރު މަދުކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު މިއަހަރުގެ ދިރާސީ އާއަހަރު ފެށުނުއިރު މިސަރުކާރުން ވަނީ އިސްލާމް އަދި ގުރުއާން ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެނަސްފަ އެވެ. މީގެ އިތުރުންވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރަން އިންޑިއާއިން 100 އަށްވުރެއް ގިނަ މީހުން ހޯދަން އިއުލާންވެސް ކުރި އެވެ.