ދިވެހި ސިވިލް ސަރވިސް މުވައްޒަފުންނާއި މެދު ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙްގެ ސަރުކާރުން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ޢަމަލުކުރަމުން ދަނީ ދެވަނަ ދަރަޖައިގެ މުވައްޒަފުންގެ ގޮތުގައި ކަމަށް އިދިކޮޅުން ބުނެފިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އެ މުވައްޒަފުންނަށް ލިބިދޭ ޢިނާޔަތްތައް ކަނޑާލުން ނުވަތަ އުނިކޮށްލުންފަދަ ކަންކަން ހިންގާފައިވާ ކަމަށެވެ. އަދި 2008 ވަނަ އަހަރު އިންތިޚާބުވި އެމްޑީޕީގެ ސަރުކާރާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް އުނިކޮށްލި ކަމަށާއި އެމުސާރަތައް އިޢާދަކޮށްދިނުމަށް ކޯޓުތަކުން ޙުކުމް ކުރުމުންވެސް ރައީސް ނަޝީދުގެ އޭރުގެ އެމްޑީޕީ ސަރުކާރުން އެކަން ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ރަނގަޅު ކޮށްދޭނެ ކަމަށް މަތިމައްޗަށް ވަޢުދުވެގެން އިންތިޚާބުވި ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙުގެ މިހާރުގެ ސަރުކާރުން އެވަޢުދުތައް ފުއްދުމުގެ ބަދަލުގައި ފެނިގެންދަނީ މަތިމައްޗަށް ސިޔާސީ މަޤާމުތައް އުފައްދައި ދައުލަތުގެ ޚަޒާނާ އެމަނިކުފާނުގެ އަމިއްލަ ޖާހު ބޮޑުކުރުމަށް ހޭދަކުރާ މަންޒަރު ކަމަށްވެސް ބުނެފައިވެއެވެ.
ސިވިލް ސަރވިސްގައި ހިމެނޭ ގިނަ ޢަދަދެއްގެ މުވައްޒަފުން މިއަދު އޮފީސް މާޙައުލުގައި މަސައްކަތްކުރަމުން ގެންދަނީ ވަޒީފާގެ ބިރުވެރިކަމާއި ސަރުކާރުގެ ވެރިންގެ ޖިންސީ ފުރައްސާރައިގެ ބިރުވެރިކަމުގައި ތިބެކަން އިދިކޮޅުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް މިއަދުގެ ރައީސް ވަޢުދުވެވަޑައިގެންނެވި "އެންމެ ކުޑަ އުޖޫރަ" ވެފައިވަނީ ސިވިލް ސަރވިސް އާއި އެހެނިހެން ދާއިރާތަކުގެ މުވައްޒަފުންގެ އެއިރަކު ފާޅުކުރާ ކަންބޮޑުވުންތައް މައިތިރިކުރުމަށް ސަރުކާރުން ޖަހާ ބޯޅައަކަށް ކަމަށާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ވަޒީފާއާއިބެހޭ ޤާނޫނާއި ޚިލާފަށް ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ޙައްޤުތަކަށް އަރައިގަތުން އިންތިހާއަށް އިތުރުވެއްޖެ ކަމަށްވެސް ވަނީ ބުނެފައެވެ. ވީމާ، ސިވިލް ސަރވިސް މުވައްޒަފުންނާމެދު ސަރުކާރުން ހިންގަމުން މިގެންދާ ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި އެ މުވައްޒަފުންގެ ޙައްޤުތައް ވަގުތުން އިޢާދަ ކޮށްދިނުމަށް އިިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.