އަޑު ކަނޑާލެވޭނީ މަރާލައިގެން ކަމަށާއި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ގެންނަން މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މާފަށް އެދިއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހަގީގަތް ހާމަކުރުމުގައި ދެމި ހުންނަވާނެ ކަމަށާއި ރާއްޖޭގެ އެއްވެސް ލީޑަރަކު ވިދާޅުވެގެން ހައްގު ނޫން މައުލޫމާތެއް ދުވަހަކުވެސް އާއްމު ނުކުރާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ އުފުލި މީހުންގެ ތެރޭގައި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ހިމެނޭ ކަމަށާއި ރައީސް ޔާމީން ވެރިކަމުން ދުރު ކުރަން މަސައްކަތް ކުރެވުނީ ގޯހަކުން ކަމަށް ވިދާޅުވެ އެ ދުވަހު އެ މަސައްކަތް ކުރެވުނީތީ މިހާރު ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ.
" ކަޅު ދަބަސް އުފުލި ރައީސް ސާލިހު ވެސް. އެ ވީޑީއޯތައް ވެސް ހުންނާނެ. ތަހްގީގީ ބަޔާނުގައި ވެސް އެ ވާހަކަތައް ހުންނާނެ. ޕޮލިސް ރިކޯޑިންގ އެ އެއްޗެހި ފޮހެލީ މުހައްމަދު ރިޔާޒު. ރިޔާޒަށް އެނގިވަޑައިގަންނަވާނެ އިރު އިރުކޮޅާއި އިނގިރޭސިވިލާތަށް ވަޑައިގެން އެ ކުރައްވާ ކަންތައްވެސް" އަލީ ވަހީދު ވިދާޅުވިއެވެ.
މިރޭ ނުވައެއް ޖެހި އިރު ފެށި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކަންތައް ވަމުން އައި ގޮތާއި އަލީ ވަހީދާއި ދޭތެރޭ ކަންތައް ކުރަމުން އައި ގޮތް ހާމަކޮށްފައެވެ.
އެގޮތުން އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަ ތަކެއް ކަމަށާއި މިއަދާ ޓުއަރިޒަމް މިނިސްޓްރީގައި އޭރުގައި ތިބި ގިނަ މުވައްޒަފުންތަކެއް މިކަމަށް ހެކި ދޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިނިސްޓަރު ކަމުގައި ހުންނެވި އިރު ސެކިއުރިޓީން ގޮތުގައި ތިއްބެވި ފަރާތްތަކަށްވެސް މިކަމުގެ އަސްލު އެނގޭނަކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ޓުރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ އާ އޮތް ގުޅުމަކީ އެކުގައި މަސައްކަތް ކުރާ ވަޒީރަކަށް ވާތީ އޮތް ގުޅުން ކަމަށާއި އިތުރު އެއްވެސް ގުޅުމެއް މިއަދާ ހަމައަށްވެސް އެކަމަނާއާއި ބާއްވާފައި ނުވާނެ ކަމަށެވެ.