މިވަގުތު ވެކްސިންގެ އިތުރު ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ އިއުލާނުގައިވާގޮތުން ކޮވިޑް19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި ފްރައިންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްހީ ހިދުމަތްތެރިންނަށް އިތުރު ވެކްސިން ޑޯޒްއެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނިޒޭޝަނުން ވަނީ ލަފާދެއްވާފައި ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ކަމާބެހޭގޮތުން މިހާތަނަށްކުރެވިފައި ހުރި ދިރާސާތަކަށް ބެލުމަށްފަހު ކަމަށާއި އަދި އިތުރު ވެކްސިން ޑޯޒް ޖަހާނީ ކޮވިޑް19ގެ އެއްވެސް ވެކްސިނެއްގެ 2 ވަނަ ޑޯޒްޖެހިފަހުން 6 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މިވަގުތު ކޮވިޑް19 ވެކްސިންގެ އިތުރު ޑޯޒް ޖެހުމަށް ހަމަޖެހިފައިވާ ފަރާތްތަކަކީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްހީ ހިދުމަތްތެރިން، 60 އަހަރުން މަތީގެ މީހުން އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
މީގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، އިމިއުނީސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ. މި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް 3 އޮކްޓޯބަރުން ފެށިގެން ފައިޒަރ ވެކްސިން ޖަހާދޭނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުންނެވެ.