މާލެއިން ބިން ދޫކޮށްލުމުން ގޯތިދޭ މަޝްރޫއު މިވަގުތު ނުހިންގޭނެ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ވިދާޅުވީ އެންޓިކޮރަޕްޝަން ކޮމިޝަނުން މިކަމާ ގުޅުން ހުރި ބައެއް ކަންކަން ބަލަމުންދާތީ އެ މަޝްރޫއު އާއި ގުޅުން ހުރި ކަންކަން ކުރިއަށް ނުގެންދެވުމަށް ރައީސް އޮފީސް މެދުވެރިކޮށް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ބިން ދޫކޮށްލައިފަވާ ފަރާތްތަކަށް ފްލެޓް ލިބެންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންނަމަވެސް މިނިސްޓްރީންވެސް މަސައްކަތް ކުރަން ޖެހެނީ ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް ކަމަށް ވުމުން މިވަގުތު ހުރީ އެމަސައްކަތް ނުކުރެވޭނެ ގޮތަށް އަތް ބަނދެވިފައިވާ ކަމަށެވެ.
މާލެއިން ކުދި ކުދި ބިންކޮޅު ލިބިފައިވާ މީހުން އެ ބިންކޮޅު ދައުލަތަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ވިދާޅުވެފައެވެ. އެހެންނަމަވެސް މިކަމުގެ މާބޮޑު ތަފްސީލެއް ރައީސް އޭރު ހާމަކޮށްފައެއްނުވެއެވެ.