ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފްލާއެއް ބާއްވައިފިއެވެ.
މި ހާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30 އަދި 35 އަހަރު ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.
ރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްްވުނު ހަފްލާގައި 61 މުވައްޒަފަކަށް މިއެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ.
35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ޒުލްފާ މުހައްމަދު، ކަސްޓަމަރ ސަރވިސް މެނޭޖަރ އަދި 30 އަހަރު ބޭންކަށް ހިދުމަތް ކޮށްދެއްވައިފައިވާ ޝަމްސިއްޔާ އިބްރާހިމް، ހެޑް އޮފް ކަސްޓަމަރ ޕްރޮސެސިންގ އަށް ވަނީ މި ހަފްލާގައި ޚާއްސަ އެވޯޑެއް ދީފައެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.