ޕީޕީއެމްގެ ކާމިޔާބީތަކަށް ހިޔަނި އެޅިގެން ގޮސްފައިވަނީ، ހައްގުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާތީ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،
ޕާޓީގެ ކާމިޔާބުގެ ސަފްހާތައް ލިޔަމުން ގެންދަނިކޮށް މި ކާމިޔާބީތަކަށް ހިޔަނި އެޅިގެން ގޮސްފައިވަނީ، ޕާޓީއަށް ފާއިތުވެ ދިޔަ ތަނުގައި ކާމިޔާބީ ހޯއްދަވައިދެއްވުމުގެ އެންމެ މުޙިންމު އަދި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އަދިވެސް ކުރައްވަމުން ގެންދަވާ މޭސްތިރި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްގުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާ ގެންދިއުން ކަމަށެވެ.
އެހާލަތުގައި އަނިޔާ ލިބެމުން ދިޔަނަމަވެސް ޔާމީނަށް ނުޙައްގުން ދެމުން ގެންދާ އަނިޔާއާއި ދެކޮޅު ހަދާ ޖަލުން މިނިވަން ކުރުމަށްޓަކައި ޕާޓިއާއިއެކު ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ގެންދަނީ މުޙިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށްފައިވުންވެސް އެޕާޓީން ވަނީ ފާހަގަކޮށްފައިވެއެވެ.
އަދި ޔާމީން ޖަލަށްލާފައިވަނީ ޙައްޤު ނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ކަން ޝާރީޢަތްތައް ކުރިއަށް ގޮސްފައިވާ ގޮތް އަޑުއެހި ކޮންމެ ރައްޔިތަކުވެސް މިއަދު ޤަބޫލުކުރާ ކަމަށާއި އެހެންކަމުން، ޕާޓީގެ ފަރާތުން އިންތިޒާމު ކުރާ ކަންކަމުގައި ބައިވެރިވާ ދިވެހި ރައްޔިތުންގެ އަދަދުވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ޕާޓީއާއި ގުޅެމުން ގެންދާ ދިވެހި ރައްޔިތުންގެ އަދަދުވެސް އަންނަނީ އިތުރުވަމުން ކަމަށާއި ހަމައެހެންމެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ދިވެހި ރައްޔިތުންގެ ޢަދަދުވެސް ހާހުން އިތުރުވަމުންދާ ކަމީ މިއަދު ޕާޓީއަށް ލިބެމުންދާ އެންމެ ބޮޑު ހިތްހަމަޖެހުމާއި ކާމިޔާބީ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.