ދަރިވަރު ކްލާސް ޓީޗަރު ނޫން ފަރާތަކާ ހަވާލުކުރާނަމަ އެއީ ކާކުތޯ ޓީޗަރު ރަނގަޅަށް ކަށަވަރު ކުރަން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސްކޫލަކަށް ފޮނުވި ސާރކިއުލާގައި ބުނެފައިވަނީ، ބޭބީ ނާސަރީއާއި ނާސަރީ އަދި އެލްކޭޖީ ޔޫކޭޖީގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރު ކްލާސް ޓީޗަރު ނޫން ފަރާތަކާ ހަވާލުކުރެވޭ ނަމަ އެއީ ކޮން ފަރާތެއްކަން ޓީޗަރު ރަނގަޅަށް ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.
އަދި ކޮންމެ ދުވަހަކުވެސް ސުކޫލުގައި ދަރިވަރުން ހޭދަ ކުރާ ހުރިހާ ވަގުތަކީ އެކުދިން ރަނގަޅަށް ބެލެހެއްޓި އަދި އެކުދިންނަށް ޒިންމާވާނޭ ފަރާތެއް އަބަދުވެސް ކަނޑައެޅިފައި ހުންނަންވާނޭ ވަގުތުތަކެއް ކަމަށެވެ. މީގެއިތުރުން ސުކޫލުތަކުގައި ކިޔަވައިދެމުންގެންދާ ބޭބީ ނާސަރީއާއި ނާސަރީ އަދި އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް ދަރިވަރުންނަށް ޒިންމާވާނެ ޓީޗަރަކު އެ ކުދިންނާ ހަވާލުވެ ހުރިކަން ސްކޫލްތަކުގެ ޕްރިންސިޕަލުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް އެ ސަރކިއުލާގައި ބުނެފައިވެއެވެ.
އެޑިއުކޭޝަނުން މިގޮތަށް ބަޔާނެއް ނެރެފައި މިވަނީ ދާދި ފަހުން ގަލޮޅު މަދަރުސާގައި އުމުރުން ހަތަރު އަހަރުގެ ތުއްތު ކުއްޖަކަށް ޓޮއިލެޓް ދައްތަ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.