މިގޮތައް ދާން ދޫކޮށްލައިފިނަމަ ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ދަރަނި ބޮޑު ބަޖެޓުން ފެންނަނީ އިގްތިސޯދީ ދަތިކަމުން އަރައި ގަންނަން މަސައްކަތް ކުރުމުގެ ބަދަލުގައި އަނެއްކާވެސް ދަރަނި ބޮޑުވެގެންދާ މަންޒަރު ކަމަށެވެ. ގައުމު މިއޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާއި ނަމަވެސް މިދަތި ހާލަތުން އަރައިގަތުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ބަޖެޓްގައި ހިމަނާފައި ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ހިނގައްޖެ ކަމަށާއި ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. މިއަދު މިވަނީ އާއްމުންގެ ތެރޭގައި ފައިސާ ދައުރުވާނެ ގޮތެއް ނެތުމުން ފަގީރުކަން އިހްސާސް ކުރަން ޖެހިފައި ކަމަށާއި މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔައިރު އެކަމުގެ ސަބަބުން ވަޒީފާތަކަށް އޮންނަ ރިސްކަށް ވިސްނިފައި އޮތް ކަމަށް ބަޖެޓް ފޮތުން ނުފެންނަ ކަމަށް ވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
މިގޮތައް ދާން ދޫކޮށްލައިފިނަމަ ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށާއި އަންނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނީ %1.1 ގައި ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ފަށާފައިވަނީ މިއަދުއެވެ. ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނެޓް ދޭ ގޮތަށް ވަނީ ނިންމާފައެވެ.