18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތްތަކަށް ފުލުހުންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލައިފިއެވެ.
ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ. އެގޮތުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުގެ ގޮތުގައި ސާނަވީ ތައުލީމުގެ ޖީސީއޯލެވެލް އިމްތިހާނު އަދި އެސްއެސްސީ އިމްތިހާނު ހިމެނޭހެން 3 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު ނުވަތަ އޯލެވެލް އިމްތިހާނު ނުވަތަ އެސްއެސްސީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށްވުން ހިމެނެއެވެ. މީގެ އިތުރުންވެސް ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ފިރިހެނެއް ނަމަ 5 ފޫޓޫ 3 އިންޗި އަންހެނެއް ނަމަ 5 ފޫޓު އިސްކޮޅުގައި ހަމަވާންޖެހެއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށާއި މީހުން ހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކާއި ދިވެހި ފުލުހުންގެ ހިދުމަތަށް ގާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ހާއްސަކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނާއި ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދުތަކުގެ ތެރެއިން ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި މުއައްސަސާގެ ހިދުމަތް އަލަށް ގާއިމްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.
ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ އާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. ހަމައެއާއެކު ނެގިފަހުން 3 މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.