ފިނޑި ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިންގެ މަސައްކަތަށް ލޮޅުމެއް ނާންނާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރޭގެ ދަންވަރުގެ ވަގުތެއްގައި އެ އިދާރާގައި މަސައްކަތްކުރާ ސްޓާފް ސާރޖެންޓް ހަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ރޭގެ އަނިޔާ ވެރި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ދަނީ ކުރަމުން ކަމަށެވެ.
އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މިފަދަ ފަރާތްތައް ކުރަމުންދާ އަމަލުތަކަކީ އެއްވެސް ފަރާތަކުން ޖާގަ ދެވިގެންވާނެ އަމަލުތަކެއް ނޫންކަން އެމްއެންޑީއެފްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ސިފައިންނަށް ދޭ މިފަދަ ފިނޑި ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފަިއން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީއެފުން ބުނީ ފަހީމްއަށް ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިއަދު ގެއަށް ދޫކޮށްލާފައިވާއިރު އޭނާގެ ހާލަތު ލީޑަރޝިޕުން ވަރަށް ގާތުން ދަނީ ބަލަމުން ކަމަށެވެ.