241 ކޮމެޓީ އިން ނިންމާ ތައްޔާރުކޮށްފައިވާ ރިޕޯޓަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިސްލާހުތަކެއް ހުށަހަޅުއްވައިފިއެވެ.
އެގޮތުން ރާއްޖެއިން އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެފަދަ ކަމެއް ނެތްކަމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ އިން ނިންމާ ތައްޔާރުކޮށްފައިވާ ރިޕޯޓަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. މި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް މި މައްސަލަ ހުށައެޅުއްވީ ވެސް މެމްބަރު އާދަމް ޝަރީފެވެ.
އެގޮތުން އާދަމް ޝަރީފު ހުށަހެޅުއްވީ 13 އިސްލާހެކެވެ.
އެކްޝަން ޕްލޭން ފޯރ ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާއަކީ 2016 ވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެކުލަވާލާފައިވާ އެކުޝަން ޕްލޭނެއް ކަމަށް ބުނެ އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފައެވެ.
އަދި ކޮމިޓީގެ ހޯދުންތަކުގެ 4.2.13 ގެ ފަހަތަށް އިތުރު އަކުރެއް އިތުރު ކުރުމަށްޓަކައި 4.2.14 ހިމަނައި އުތުރު ތިލަފަޅުގެ މަސައްކަތްތަކާއި އެތަނުގެ ތަންތަން ގާއިމުކުރުމާއި ބެލެހެއްޓުމުގެ ކަންކަން ބެލެހެއްޓުމަށް ދިވެހި ސިފައިންނާއި އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރއާއި އިންޑިޔާގެ އެހެން ފަރާތްތައް ހިނެމޭގޮތުން ޖޮއިންޓް ކޮމިޓީއެއް އުފައްދައި، އެކޮމިޓީން އުތުރު ތިލަފަޅުގެ މަސައްކަތް ކުރުމަށް އެއްބަސްވެފައިވާކަމަށް ހިމެނުމަށްވެސް އިސްލާހު ހުށަހަޅާފައިވެއެވެ.
މީގެ އިތުރުންވެސް 241 ކޮމިޓީގެ ހޯދުންތަކުގެ 4.2.14 ގެ ފަހަތަށް 4.2.15 އިތުރުކޮށް އުތުރު ތިލަފަޅަކީ ދިވެހި އަސްކަރިއްޔާގެ ބޭނުމަކަށް ތަރައްގީކުރާ މަރުކަޒެއް ކަމަށާއި މި އެއްބަސްވުމަކީ ގައުމީ ދިފާއީ ބާރާއި ސަލާމަތާ ގުޅުންހުރި އެއްބަސްވުމަކަށްވާއިރު، އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއި ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މި އެއްބަސްވުން ހިއްސާކުރަންޖެހޭނެކަމަށް ހިމެނުއްވުމާއި ކޮމިޓީގެ ހޯދުންތަކުގެ 4.3.4، އެއްބަސްވުމުގެ ދަށުން ޑޯނިއަރ މަތިންދާބޯޓާއެކު ޙަރަކާތްތެރިވާ އިންޑިޔާގެ ސިފައިންގެ ކެއުމާއި ތިބުމާއި އަދި އެހެނިހެން ޚަރަދުތައް ހަމަޖައްސަމުންދަނީ އިންޑިޔާގެ ސަރުކާރުގެ ފަރާތުންކަމަށް އޮތްބައި އިސްލާހުކުރަންވެސް ހުށަހަޅާފައިވެއެވެ.