އެސްއޯއެފްގެ ޗެކަކީ ދައުލަތައް ލިބެން ޖެހޭ ޗެކެއްކަން ސާބިތުކޮށް ނުދެވުމުން ސުޕްރީމް ކޯޓުން ކުރީގެ ރައީސް ޔާމީން މިނިވަންކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމް ކޮށްފައި އޮތީ ފަސް އަހަރަށެވެ. ސުޕްރީމް ކޯޓުން މިއަދު މި ހުކުމް ބާތިލް ކުރި އިރު އެ ހުކުމް ބާތިލްކޮށްފައިވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ލިބުނު ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު ދިމާނުވާތީ، އެސްއޯއެފްއަށް ޖަމާވީ ގއ. ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން ޔަގީންނުވާ ކަމަށެވެ.
މިމައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
ރައީސް ޔާމީން ޖަލަށް ލާން ކުރި ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމިއިރު، ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރިޝްވަތާއި މަނީ ލޯންޑަރިންގގެ މައްސަލައެއް ޔާމީނާ ދެކޮޅަށް އަންނަނީ ހިންގަމުންނެވެ. އަދި މަނީ ލޯންޑަރިންގެ އައު ދައުވާއެއް ޕީޖީ ވަނީ މިދިޔަ ބުދަ ދުވަހު ރައީސް ޔާމީނާ ދެކޮޅަށް އުފުލާފަ އެވެ. އެއީ ވ. އާރަށް ކުށްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުގަ އެވެ.