ސުކޫލް ފޮތްތަކުގައި ހަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް މަޝްވަރާ ކުރެވުނުނަމަވެސް މިކަމަކީ ދަރިވަރުންނަށް ދަތި ކަމަކަށް ވާނެތީ އެކަން ނުކުރުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަބަރާއި ގުޅޭގޮތުން ނެރުއްވި ބާޔާނެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ގުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ހަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް މަޝްވަރާތައް ކުރެވުނު ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްއަށް ސިޓީއެއް ފޮނުވާފައިވާނެކަމަށްވެސް އެޑިއުކޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ މި ގޮތަށް މަޝްވަރާކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ގުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި އަދި އެއީ ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ބަދަލު ކުރުމަށާއި ފޮތްތައް ނައްތާލާއިރު ގުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު އަމަލުކުރެވޭކަމަށް ބައެއް އިލްމުވެރިން ވިދާޅުވަމުންދާތީ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައިވާ ސިޓީ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ ގިނަ ބަޔަކު ދަނީ މިކަމަށް ފާޑު ކިޔަމުންނެވެ.