އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް ސަރުކާރުން ނިންމަވާފައިވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތަނަވަސް އައު އިމާރާތެއް އެޅުން ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ މިހާރު އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހިންގާ އިމާރާތުގައި ހުރި ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވައިފައެވެ. އަދި އިމާރާތުގެ މައްސަލަތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީއިން ވަގުތީ ގޮތުން ދެއްވި ޙައްލުތަކާމެދު ހުރި ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ ޙިއްޞާކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ އެ ބޭފުޅުން މި މައްސަލައިގައި ޙައްލު ހޯދަން ބޭނުންވާ ގޮތްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ޙައްލެއް ހޯދައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން އާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.