މިދިޔަ އަހަރުގެ ޖޫން މަހު އަމިއްލައަށް ދަންޖެހިގެން މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖުޕޫތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ނިޔާއޭ: ދަ ޖަސްޓިސް" ރިލީޒް ކުރުން ނުހުއްޓުވޭނެ ކަމަށް ދިއްލީ ހައި ކޯޓުން ނިންމައިފި އެވެ.
މި ފިލްމުގެ ގިނަ މަންޒަރުތަކެއް ނަގައި މަސައްކަތް ނިމުމަކާއި ގާތްވެފައިވަނިކޮށް ރިލީޒްކުރުން ހުއްޓުވަން ކޯޓަށް ޕެޓިޝަނެއް ހުށަހެޅީ ސުޝާންތުގެ ބައްޕަ ކްރިޝްނަ ކިޝޯރް ސިންގް އެވެ. އޭނާ ބުނާ ގޮތުގައި ފިލްމުގެ މަންޒަރުތައް ނެގީ އާއިލާގެ ރުހުން ނެތި އެވެ.
ކްރިޝްނާ ބުނާ ގޮތުން މި ފިލްމުގެ ސަބަބުން ސުޝާންތުގެ މަރުގެ ހާދިސާ ހިންގައިދިޔަ ގޮތް ވަރަށް ބޮޑަށް އޮޅޭނެ އެވެ. ސުޝާންތު އަމިއްލައަށް ދަންޖެހިފައި ހުއްޓާ ފެނުނު ނަމަވެސް އާއިލާއާއި ރަހުމަތްތެރިން ބުނާ ގޮތުން އޭނާ މަރައިލީ ބަޔަކު ދުރާލާ ރާވައިގެންނެވެ. އެގޮތުން ތުހުމަތުގެ އިނގިލި ޕްރޮޑިއުސަރު މަހޭޝް ބަޓް އަށާއި ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއަށް ދިއްކުރާއިރު މުމްބާއީ ފުލުހުން ވަނީ ސުޝާންތުގެ މަރާއި ގުޅިގެން ބޮޑު ތަހުގީގެއްވެސް ފަށައިފަ އެވެ.
ތަހުގީގާއި ގުޅިގެން ޑްރަގުގެ ބޮޑު ނެޓްވޯކެއްވެސް ފަޅާ އަރާފައިވާއިރު ސުޝާންތުވެސް ޑްރަގު ބޭނުންކުރިކަން ވަނީ ތަހުގީގަށް އެނގިފަ އެވެ. އަދި އެކަމުގައި އިސްކޮށް ހުރީ އޭނާގެ ކުރީގެ ލޯބިވެރިޔާކަންވެސް ވަނީ އެނގިފަ އެވެ. އެކަން ސާބިތުވެ ރިއާ ޖަލަށްވެސް ލިއެވެ. އެހެންނަމަވެސް ފަހުން ހާއްސަ މައާފެއްގެ ދަށުން އޭނާ ވަނީ މިނިވަން ކޮށްފަ އެވެ.
ސުޝާންތުގެ ބައްޕަގެ ޕެޓިޝަންގައި ވަނީ ބޮލީވުޑްގެ އެއްވެސް ފިލްމެއްގައި އާއިލާގެ ހުއްދަ ނެތި ސުޝާންތުގެ ނަން ބޭނުން ކުރުން މަނާކުރަންވެސް އެދިފަ އެވެ. ކޯޓުން ވަނީ އެގޮތަށް އަމަލުކުރަން ޕްރޮޑިއުސަރުންނަށް ނޭންގޭނެ ކަމަށްވެސް ނިންމައިފަ އެވެ.
ސުޝާންތު މަރުވިއިރު އޭނާގެ ފިލްމެއް ޝޫޓުކޮށް ނިމިފައި އޮތް އިރު އެ ފިލްމު ރިލީޒް ކުރީ މި އަހަރުގެ ކުރީކޮޅެވެ. ހޮލީވުޑް ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" އިން އެޑެޕްޓު ކޮށްގެން ހެދި "ދިލް ބޭޗާރާ" ގައި ސުޝާންތު އާއިއެކު ލީޑް ރޯލުން ފެނުނީ މުޅިން އަލަށް ބޮލީވުޑަށް ތައާރަފުވި ސަންޖަނާ ސާންގީ އެވެ. މި ފިލްމު ވެގެންދިޔައީ ސުޝާންތުގެ މުޅި ކެރިއަރުގައިވެސް ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމަށެވެ. އެގޮތުން 30 ކްރޯޑް ރުޕީޒްއިން އުފެއްދި މި ފިލްމަށް އާމްދަނީގެ ގޮތުގައި 2000 ކްރޯޑް ރުޕީޒް ވަނީ ލިބިފަ އެވެ.
+1
+1
+1
+1
+1
+1