މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ނަފްސާނީ ބަލިތަކަށް ބޭސްކުރާމީހުން ހަދަންޖެހޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ހެލްތުމިނިސްޓްރީން އިސްނަގައިގެން ހުޅުމާލޭ ސެންޓްރަލްޕާކުގައި އިއްޔެ ބޭއްވި މެންޓަލް ހެލްތު އޯޕަންޑޭގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި މުޖުތަމައު ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ ވަރަށް ގިނަ ދިވެހިން އެބަތިބި ކަމަށެވެ. ކުރިން ފާހަގަ ނުކުރެވިހުރި ވަރަށް ގިނަ ކަންތައްތައް ކޯވިޑް-19 އިން ފާހަގަވެގެން ދިޔަ ކަމަށާއި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ތަޖުރިބާ ކުރަންޖެހުނު ކަމަށެވެ.
"ގަބޫލުކުރަންޖެހޭ ކޯވިޑްގެ ތަޖުރިބާގެ އަލީގައި މިއަދު ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދިނުމަށްޓަކައި ދެވޭ ޚިދުމަތްތައް ފުޅާ ކުރަންޖެހޭކަން. ރައްޔިތުންނާއި ގާތުން އަގުހެޔޮކޮށް މި ޚދުމަތްތައް ލިބެންޖެހޭ ކަން އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ. އެހެންނޫނީ މި ބަލީގެ ޝިކާރައަކަށްވެފައިތިބި ހުރިހާއެންމެންނަށް މީގައި ވަގުތުން ވަގުތަށް ދޭންޖެހޭ ފަރުވާ ލިބިގެން ނުދާނެކަން އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ" މިނިސްޓަރ ވިދާޅުވި އެވެ.
ނަފްސާނީ ސިއްހަތެއް ނެތްނަމަ ދުޅަހެޔޮ ސިއްހަތެއް ނޯންނާނެ ކަމަށް ޑަބްލިޔު.އެޗް.އޯ އިން ބުނެފައި އޮތް އޮތުން ގަބޫލު ކުރަންޖެހޭ ކަމަށާއި އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި ނަފްސާނީ ދުޅަހެޔޮ ކަމެއްގެ މަސައްކަތަކީ އެންމެންގެ ޒިންމާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މުޖުތަމައުގައި ތިބި ނަފްސާނީ މީހުންނަކީ އެކަހެރި މީހުންގެ ގޮތުގައި ބަލައިނުގަނެ އެމީހުންނަކީ ވެސް މުޖުތަމައުގެ ހުރިހާކަމެއްގައި ބައިވެރިވުމުގެ ފުރުސަތު އޮތް މީހުންނަށް ހަދަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ނަފްސާނީ ބަލިތަކަށް ބޭސްކުރާ މީހުން އެބަ ހަދަން ޖެހޭ.މިކަމަށް އެންމެ ބޮޑު ހައްލެއް އަންނާނީ މިކަމަށް އިންސާނީ ވަސީލަތްތައް އަޅުގަނޑުމެންނަށް ގާއިމް ކުރެވިގެން. މިކަމަށް ބޭނުންވާ މީހުން ބިނާ ކުރެވިގެން." މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި އެތަންތަނުގައި ކިޔަވާ ދަރިވަރުންނަށް އެފަދަ މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އެކަމަށް ބޭނުންވާ ހުރިހާކަމަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.