ކޮވިޑް-19 ގެ ސަބަބުން މެލޭޝިޔާގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ދެހަފްތާއަށް ދަންމާލަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ލޮކްޑައުންގެ މުއްދަތު އިތުރު ކުރަން ނިންމީ މިހާރުވެސް ދުވާލެއްގެ މައްޗަށް 5،000 އަށްވުރެއް ގިނަ މީހުން އެގައުމުގައި ކޮވިޑަށް ޕޮޒިޓިވްވަމުން ދާތީ އެވެ.
އިއްޔެގެ ނިޔަލަށް މެލޭޝިޔާއިން ޖުމްލަ 662،457 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އަދި 3،968 މީހަކު ވަނީ ބަލީގައި މަރުވަފަ އެވެ. ވޭތުވެ ދިޔަ 15 ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 100،000 އާ ގާތްކުރާ އަދަދަކަށް އެގައުމުން ވަނީ ޕޮޒިޓިވް ކޭސްތައް ފެނިފަ އެވެ. މިމުއްދަތުގައި 1،200 އެއްހާ މީހުން ވަނީ އެގައުމުން މަރުވެފަ އެވެ.
މެލޭޝިޔާގައި ލޮކްޑައުން އިއުލާން ކުރުމުގެ ސަބަބުން އިގްތިސޯދީ ގިނަ މަސައްކަތްތަކެއް ވަނީ ހުއްޓިފަ އެވެ. މިކަމާއި ގުޅިގެން ވިޔަފާރިވެރިންގެ ޕްރެޝަރު ސަރުކާރަށް ވަނީ ބޮޑުވެފަ އެވެ. ބައެއް އަސާސީ ވިޔަފާރިތަކަށް ކުދި ލުއިތަކެއް ދީފައި އޮތްނަމަވެސް ލޮކްޑައުންގައި ގިނަ މުވައްޒަފުން ގޭގައި މަސައްކަތް ކުރަން ސަރުކާރުން ވަނީ ކުންފުނިތަކަށް އަންގައިފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު މެލޭޝިޔާގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 1،000 އެއްހާ މީހުން އޭރު ޕޮޒިޓިވްވަމުން ގޮސް މެއި މަހުގެ ތެރޭގައި ކޭސްތަކުގެ އަދަދު އިތުރުވާން ފެށި އެވެ. ލޮކްޑައުން އަކަށް ދިޔައީ ޖޫން 1 ގަ އެވެ. އޭރު ދުވާލަކަށް 7،000 އަށްވުރެއް ގިނަ މީހުން ދިޔައީ ޕޮޒިޓިވް ވަމުންނެވެ.
މެލޭޝިޔާއަކީ 31.95 މިލިއަން މީހުންގެ އާބާދީ އޮންނަ ގައުމެކެވެ.