ކޮވިޑް-19 އާއި ދެކޮޅަށް އިންޑިއާގައި ދެމުން ގެންދާ އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭ މުއްދަތު 12 ހަފްތާއަށްވުރެއް އިތުރު ކުރަން ސައިންސްވެރިން ލަފާ ނުދޭކަން ހާމަވެއްޖެ އެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް އަށްފަހު ދެވަނަ ޑޯޒް ދިނުމާއި ދެމެދު 16 ހަފްތާގެ މުއްދަތެއް ހޭދަކުރެވިދާނެކަމަށް ނިންމައި އެގޮތަށް އިންޑިއާ ސަރުކާރުން ކަނޑައެޅީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް ނިންމީ ސައިންސްވެރިންގެވެސް ލަފާގެ މަތިންނެވެ.
އެހެންނަމަވެސް މިމަހުގެ 15 ވަނަ ދުވަހު އިންޑިއާގެ އެޑްވައިޒަރީ ގްރޫޕުގައި ހިމެނޭ 3 ސައިންސްވެރިއަކު ރޮއިޓާޒް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަރުކާރުން މުއްދަތު އިތުރު ކުރަން ނިންމީ ސައިންސްވެރިން އެގޮތަށް ލަފާ ނުދެނީސް ކަމަށެވެ.
އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި 16 ހަފްތާއަށް މުއްދަތު އިތުރު ކުރީ ބްރިޓެއިން އިން ފެންނަން ހުރި ހެކިތަކެއްގެ މައްޗަށް ބަލާފައި ކަމަށެވެ. އެކަން ދޮގުކޮށް ސައިންސްވެރިން ބުނީ ދެވަނަ ޑޯޒްގެ މުއްދަތު އިތުރު ކުރަން ނިންމޭވަރަށް ޑޭޓާ އެއްކުރެވިފައި ނުވާކަމަށެވެ.
އިންޑިއާގެ ނެޝަނަލް އިންސްޓްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީގެ ކުރީގެ ޑިރެކްޓަރު އެމްޑީ ގުޕްތޭ ވިދާޅުވީ އެޑްވައިޒަރީ ގްރޫޕުން ލަފާ ދެނީ 8 ހަފްތާ އާއި 12 ހަފްތާ އާއި ދެމެދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ކަމަށެވެ. އެހެންނަމަވެސް އެއަށްވުރެއް މުއްދަތު އިތުރު ކުރުމުން ހަށިގަނޑަށް ކޮށްފާނެ އަސަރުތަކާއި ބެހޭ އެއްވެސް ޑޭޓާއެއް މިވަގުތު ސައިންސްވެރިންނަށް ހޯދިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
8 ހަފްތާއާއި 12 ހަފްތާގެ މުއްދަތަކީ އެންމެންނަށް އެއްބަސް ވެވޭ މުއްދަތު. 16 ހަފްތާއަށް މުއްދަތު އިތުރު ކުރުމަކީ ސަރުކާރުގެ ނިންމުމެއް. އެމުއްދަތު ރަނގަޅުވެސް ވެދާނެ ގޯސްވެސް ވެދާނެ. އެކަމުގެ ތަފްސީލީ މާގިނަ މައުލޫމާތެއް މިވަގުތު ނެތް.
- އެމްޑީ ގުޕްތޭ
ރޮއިޓާޒްގައި މި މައުލޫމާތު ޝާއިއު ކުރުމާއިއެކު އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ސަރުކާރުން ދެވަނަ ޑޯޒްގެ މުއްދަތު އިތުރު ކުރަން ނިންމީ ސައިންސްވެރިންގެ ލަފަޔާއި އެކުކަމަށެވެ. އަދި އެޑްވައިޒަރީ ގްރޫޕުން މުއްދަތު އިތުރު ނުކުރަން އެދިފައި ނުވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އިންޑިއާގައި ވެކްސިންގެ ތާށިކަން އައިނަމަވެސް މުއްދަތު އިތުރު ކުރީ ވެކްސިން ނުލިބޭނެތީ ނޫންކަމަށް ސަރުކާރުން ބުނެ އެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްގެ މުއްދަތާއި ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއިންވެސް ލަފާ ދީފައިވަނީ 8 ހަފްތާއާއި 12 ހަފްތާއާއި ދެމެދަށެވެ. އޭގެ ފަހުން ދެވަނަ ޑޯޒް ޖެހުމަށް އެޖަމިއްޔާއިންވެސް ލަފާ ދީފައެއް ނުވެ އެވެ. ކޮވިޑް-19 އަކީ ދުނިޔެއަށް އާ ބައްޔަކަށް ވެފައި އެބަލީގެ ވެކްސިންވެސް ދުނިޔޭގައި ދޭން ފެށީ ފުރަތަމަ ފަހަރުކަމުން ވެކްސިނާއި ގުޅިގެން ނިންމާ ނިންމުންތަކުން ނިކުމެދާނެ ނަތީޖާތައް މުޅިން ކަށަވަރު ނުކުރެވެ އެވެ.
ރާއްޖޭގައިވެސް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމުގެ މުއްދަތެއްކަމަށް ކުރިން ނިންމީ 8 ހަފްތާއާއި 12 ހަފްތާއާއި ދެމެދު އެވެ. އެހެންނަމަވެސް ވެކްސިން ހުސްވެ، އިތުރަށް ލިބޭނެ ގޮތެއް ނެތުމުގެ ސަބަބުން 16 ހަފްތާއަށް މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.