ފަގީރު ގައުމުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ފަށާފައިވާ ހާއްސަ ޕްރޮގުރާމަށް ބޭނުންވާ މިންވަރަށް ވެކްސިން ނެތްކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯގެ ސީނިއާ އެޑްވައިޒާ ޑރ. ބްރޫސް އައިލްވާޑް ވިދާޅުވީ ކޮވެކްސް ޕްރޮގުރާމުގެ ދަށުން މިހާތަނަށް 131 ގައުމަކަށް 90 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންނަމަވެސް ހަލުވި މިނުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް މުޅިން ކޮންޓްރޯލް ކުރެވިދާނެކަމަށް އަދި ބެލެވެން ނެތްކަަމށް ވިދާޅުވި އެވެ.
ކޮވިޑ-19 ކޮންޓްރޯލް ކުރުމަށް ކޮވެކްސް ޕްރޮގުރާމުގެ ދަށުން ވެކްސިން ފޯރުކޮށްދިނުން އަވަސްކުރަން ޖެހިފައިވާ އެންމެ ބޮޑު ސަބަބަކީ އެފްރިކާގެ ބައެއް ގައުމުތަކުގައި ބަލީގެ ތިންވަނަ ރާޅެއް ނަގާފައިވާކަމަށް ބެލެވެން ފެށުމާއިއެކު އެވެ. އެފްރިކާއަކީ ދުނިޔޭގެ ނިސްބަތުން ފަގީރު ގައުމުތައް އެންމެ ގިނަ ހިސާބެވެ. ކޮވިޑު ފެތުރެން ފަށައިފިނަމަ އެ ހިސާބުގައި ހާލަތު އިންތިހާއަށް ގޯސްވެދާނެކަމުގެ ބިރު އެބަ އޮތެވެ.
މިދިޔަ ހޯމަ ދުވަހު ސައުތު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާ ވަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން ހުއްޓާލައި އެފްރިކާފަދަ ފަގީރު ހިސާބުތަކަށް ވެކްސިން ފޯރުކޮށްދިނުން އަވަސްކުރުމަށް ގޮވާލައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ވެކްސިން ދެވުނީ އެފްރިކާގެ އާބާދީގެ އެންމެ 2 އިންސައްތައަށެވެ. އެއީ 40 މިލިއަން ޑޯޒް އެވެ.
ރައީސް ރާމަފޯސާ ވިދާޅުވީ ކޮވިޑް ވެކްސިންގެ އިތުރު ޑޯޒްތަކެއް ސައުތު އެފްރިކާއަށް ހޯދުމަށް ކޮވެކްސްއާއިއެކު މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި އެހެންނަމަވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކޮވެކްސްގެ ނަމުގައި ޑަބްލިއުއެޗްއޯއިން ޕްރޮގުރާމެއް ފެށީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކަށްވެސް ވެކްސިން ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ. ހާއްސަކޮށް ފަގީރު ގައުމުތަކަށް ވެކްސިން ހޯދުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބަލައި ކޮންމެ ގައުމެއްގެ އާބާދީގެ އެންމެ މަދުވެގެން 20 އިންސައަށް ވެކްސިން ޖެހުން ކަށަވަރު ކުރުމަށް އެ ޕްރޮގުރާމުގެ ދަށުން މަސައްކަތް ފެށިއެވެ.
އެހެންނަމަވެސް މި ނަތީޖާއާއި ހަމައަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައި މިވަނީ ވެކްސިން އުފެއްދުމުގައި ލަސްތަކެއް އައުމާއި ގުޅިގެންނެވެ. ފަގީރު ގައުމުތަކުގެ ތެރެއިން ވެކްސިން ހުސްވެގެން މިހާތަނަށް ރިޕޯޓުކޮށްފައިވަނީ އުގާންޑާ، ޒިމްބާބުވޭ، ބަންގްލަދޭޝް، ތްރިނިދާދްގެ އިތުރުން ޓޮބާގޯ އެވެ. މީގެ ތެރޭގައި ގިނައީ އެފްރިކާ ހިސާބުގެ ގައުމުތަކެވެ.