އިންޑިއާގައި ވެކްސިން ދިނުމުގެ ޕްރޮގުރާމު އިތުރަށް ހަލުވިކޮށް އަލަށް އެކުލަވައިލި އުސޫލުގެ ދަށުން ފުރަތަމަ ދުވަހު އެކަނިވެސް 8 މިލިއަން މީހުންނަށް ވެކްސިން ދީފި އެވެ.
މިއީ މިއަދަދަށް އެގައުމުގައި ވެކްސިން ދިން ފުރަތަމަ ދުވަހެވެ. އާ އުސޫލުގެ ދަށުން ވެކްސިން ގަތުމަށް އިންޑިއާ ސަރުކާރުން ދަނީ ބޮޑު ހަރަދެއް ކުރަމުންނެވެ.
އިންޑިއާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ގައުމެވެ. އެހެންނަމަވެސް މިވޭތުވެ ދިޔަ ތަނުގައި އެގައުމުގެ ވެކްސިން ޕްރޮގުރާމް ވަނީ އެކަށީގެންވާ ހަލުވި މިނުގައި ކުރިއަށް ނުގެންދެވިފަ އެވެ. އެގޮތުން އިންޑިއާގެ ވެކްސިން ޖެހޭ އާބާދީގެ މިހާތަނަށް ވެކްސިން ޖެހުނީ އެންމެ 5 އިންސައްތަ އަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވަނީ ގައުމުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ކޮވިޑް ވެކްސިން ލިބޭނެކަން އިއުލާންކޮށް ވެކްސިން ޖެހުމުގެ އާ އުސޫލުތަކާއިއެކު ޕްރޮގުރާމް ފަށާކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގައި އުފެއްދި ވެކްސިންގެ ތެރެއިން ދެބައިކުޅަ އެއްބައި ވަނީ އެހެން ގައުމުތަކަށާއި އަމިއްލަ ހޮސްޕިޓަލްތަކަށް ހަދިޔާކޮށް، ވިއްކައިފަ އެވެ. އެއާއެކު އިންޑިއާ ސަރުކާރުން ހިލޭ ވެކްސިން ދޭން އިއުލާން ކުރީ 45 އަހަރުން މަތީގެ މީހުންނަށާއި ފްރަންޓަލައިން މަސައްކަތްތެރިންނަށެވެ. ޕްރައިވެޓް ހޮސްޕިޓަލްތަކުގައި ވެކްސިން ޖަހަމުން ދިޔައީ އަގަށެވެ.
އިންޑިއާގައި އެކުލަވައިލި އާ ސިޔާސަތުގެ ދަށުން އެގައުމުގެ އެކި ކުންފުނިތަކުން އުފައްދާ ވެކްސިންގެ 75 އިންސައްތަ ސަރުކާރަށް ގަންނާނެ އެވެ. އަދި އެ ވެކްސިން ޖަހަމުން ދާނީ މުޅިން ހިލޭ އެވެ. އަދި އެކި ސްޓޭޓްތަކުން ވަކި ވަކިން ވެކްސިން ހޯދަން ވެކްސިން އުފައްދާ ކުންފުނިތަކާ އެގްރީމެންޓު ހެދުމުގެ ބަދަލުގައި މައި ސަރުކާރުން ސްޓޭޓުތަކަށްވެސް ފޯރުކޮށްދޭނެކަމަށް މޯދީ ވަނީ އިއުލާން ކުރައްވައިފަ އެވެ.
އިންޑިއާ ސަރުކާރުން ވެކްސިން ގަންނަ އަގުތަކެއް ކަނޑައަޅައި އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. އގޮތުން ކޮވިޝީލްޑް ވެކްސިން ގަންނަނީ ޑޯޒް އެއް 10 ޑޮލަރަށެވެ. އަދި ސްޕަޓްނިކް ވީ ވެކްސިން ގަންނަނީ ޑޯޒްއެއް 15 ޑޮލަރަށެވެ. މީގެ އިތުރުން އިންޑިއާގެ އަމިއްލަ ވެކްސިން ކޮވެކްސިން ގަންނަނީ ޑޯޒްއެއް 19 ޑޮލަރުގެ މަގުންނެވެ.
އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅެއް ނަގައި އިންތިހާއަށް ހާލަތު ގޯސްވި އެވެ. މީގެ ސަބަބުން ގައުމުގެ އިގްތިސޯދުވެސް ވަރަށް ބޮޑަށް އަޑިއަޅައިލި އެވެ. ވެކްސިން ދިނުމުގެ ޕްރޮގުރާމް އެންމެ އެކަށީގެންވާ ދުވެލީގައި ކުރިއަށް ނުގެންދެވިއްޖެނަމަ އޮގަސްޓު މަހާއި ނޮވެމްބަރު މަހާއި ދެމެދު ބަލީގެ ތިންވަނަ ރާޅެއް އަތުވެދާނެކަމުގެ ބިރު ސައިންސްވެރިން ވަނީ ދީފަ އެވެ.
އިންޑިއާގައި ގާތްގަނޑަކަށް ދެ މަސްދުވަހު ލޮކްޑައުން އިއުލާން ކުރުމަށްފަހު މިމަހު 1 ވަނަ ދުވަހުން ފެށިގެން ދަނީ ލުއިތަކެއް ދެމުންނެވެ.