ދޮގު މައުލޫމާތު ފަތުރާ ކަމުގެ ތުހުމަތުގައި އީރާނަށް ނިސްބަތްވާ އަދި އީރާނާއި އެކި ގޮތްގޮތުން ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ ހަބަރު ފަތުރާ ވެބްސައިޓުތައް އެމެރިކާ ސަރުކާރުން ބްލޮކް ކޮށްފި އެވެ.
އިއްޔެ ގިނަ ވެބްސައިޓުތަކެއް ބްލޮކް ކުރިއިރު އެ ވެބްސައިޓުތަކަށް ވަންނައިރު ފެންނަނީ ގާނޫނީ ފިޔަވަޅެއްގެ ގޮތުން ސީޒް ކޮށްފައިވާކަމަށް ބުނާ ނޯޓިސް އެކެވެ. ބްލޮކް ކުރި ވެބްސައިޓުތަކުގެ ތެރޭގައި އިރާނުގެ ރަސްމީ އިނގިރޭސި ޗެނަލް ޕްރެސް ޓީވީ ވެސް ހިމެނެ އެވެ.
ބްލޮކް ކުރި ބައެއް ވެބްސައިޓުތައް އެހެން ޑޮމެއިންތަކުގައި އަލުން އޮންލައިން ކުރި އެވެ.
އީރާނާއި ގުޅުންހުރި ވެބްސައިޓުތައް އެމެރިކާއިން ބްލޮކް ކުރިއިރު ނިއުކްލިއަރ ހަތިޔާރާ ބެހޭ މަޝްވަރާތަކެއް އެމެރިކާއާއިއެކު ކުރިއަށް ގެންދެ އެވެ. އެހެންނަމަވެސް މަޝްވަރާތައް އެމެރިކާ ސަރުކާރުން ބޭނުންވާގޮތަށް ކުރިއަކަށް ނުދެ އެވެ.
ވެބްސައިޓުތައް ބްލޮކް ކުރަން ނިންމުމާއި ގުޅިގެން އީރާނުން ވަނީ އެމެރިކާއަށް ފާޑު ކިޔައިފަ އެވެ. އެގޮތުން އެ ނިންމުމަކީ ނިއުކްލިއާ މަޝްވަރާތައް ބިނާކުރުވަނިވި ގޮތަކަށް ކުރިއަށް ގެންދަން އެމެރިކާއިން ބޭނުން ނުވާކަމުގެ ސިގްނަލެއް ކަމަށް އީރާނުން ބުންޏެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ އީރާނާއި ގުޅުންހުރި 33 ވެބްސައިޓެއް މިހާތަނަށް ބްލޮކް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އީރާނުގެ އިސްލާމިކް ރޭޑިއޯ އާއި ޓެލެވިޝަން ޔޫނިއަން (އައިއާރުޓީވީޔޫ) ގެ އިތުރުން އީރާނުން ވާގިވެރިވާ ކަތައިބް ހިޒްބުﷲ މިލިޓިއާ ގެ ވެބްސައިޓުތައް ހިމެނެ އެވެ. އެވެބްސައިޓުތަކުން އެމެރިކާގެ ގާނޫނުތަކާއި ހިލާފަށް މައުލޫމާތު ގެނަސްދޭކަމަށް ޖަސްޓިސް ޑިޕާޓްމެންޓުން ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ބްލޮކް ކުރެވުނު ވެބްސައިޓުތަކުން މައުލޫމާތު ގެނަސްދެމުން ދަނީ އީރާނު ސަރުކާރުގެ ނުފޫޒުގައި އެމީހުން ބޭނުންވާ ގޮތަކަށެވެ. އަދި އެމެރިކާއާއި ދެކޮޅަށް ކެމްޕެއިންތައް ކުރިއަށް ގެންދިޔުމާއި އެކަމުގެ ސަބަބުން ބައެއް އޮޕަރޭޝަންތައް ކުރިއަށް ގެންދަން ދަތިތަކެއް ކުރިމަތިވާކަމަށް ބަޔާނުގައި ބުންޏެވެ.
އީރާނާއި އެމެރިކާ އާއި ދެމެދު މަޝްރަހު ހޫނުވީ 2018 ވަނަ އަހަރު އޭރުގެ ރައީސް ޑޯނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިއުކްލިއާ ޑީލް އިން ވަކިވާން ނިންމުމާއި ގުޅިގެންނެވެ. އީރާނުގެ ނިއުކްލިއާ ޑީލްގައި ދުނިޔޭގެ ހަ ބާރުވެރި ގައުމެއް އޮތެވެ. އެއީ ޗައިނާ، ފްރާންސް، ޖާމަނީ، ރަޝިއާގެ އިތުރުން އިނގިރޭސިވިލާތާ އެމެރިކާ އެވެ.
ނިއުކްލިއާ މަޝްވަރާތައް އަލުން އެމެރިކާއާއެކު ފަށަން ނިންމީ ޖޯ ބައިޑެންގެ ސަރުކާރުގަ އެވެ. އެހެންނަމަވެސް އަދި ދެގައުމުން އެއްބަސްވުމަކަށް ނާދެވެ އެވެ. މިދިޔަ އާދިއްތަ ދުވަހު ވަނީ މަޝްވަރާގެ ހަވަނަ ބައްދަލުވުން ބާއްވައިފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް އެމެރިކާއިން 92 ވެބްސައިޓެއް ބްލޮކް ކުރި އެވެ. އެއީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވާގިވެރިވާ ވެބްސައިޓުތަކެެވެ.