ފަލަސްތީނުގެ އެކްޓިވިސްޓެއް މަރުވުމާއި ގުޅިގެން އެގައުމުގެ ރައްޔިތުންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.
ފަލަސްތީނު ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލާ ނިޒާރު ބަނަތު ނަމަކަށް ކިޔާ އެކްޓިވިސްޓު މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ ދިރިއުޅޭ ގެޔަށް ފަލަސްތީނު ފުލުހުން ވަދެ ހައްޔަރު ކުރި އެވެ. އޭނާ މަރުވީ ހައްޔަރު ކުރި ފަހުންނެވެ.
މިކަމާއި ގުޅިގެން އިއްޔެ ވަނީ ރާމަﷲ ގައި މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ އިސްތިއުފާއަށްވެސް ގޮވި އެވެ. އެގައުމުގެ އިންތިހާބު ފަސްކުރަމުން ދާތީ އެކަމަށް ފާޑު ކިޔައި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާކަމަށް ގޮވައިފަ އެވެ.
މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ފުލުހުން މަގުތަކަށް ނިކުތުމުން، ފުލުހުންނާ ދިމާއަށް ވަނީ ގާ އުކައިފަ އެވެ. މުޒާހަރާ ހޫނު ވުމުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. މިއާއެކު ހަމަލާތައް ހޫނުވި އެވެ.
މަރުވި ފަލަސްތީނުގެ އެކްޓިވިސްޓަކީ ކުރިއަށް އޮތް ޕާލަމެންޓު އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެނޑިޑޭޓެކެވެ. މެއި މަހު އެ އިންތިހާބު ބާއްވަން ހަމަޖެހިފައި އޮތްނަމަވެސް ވަކި ތާރީހެއް ނެތް ގޮތަށް އިންތިހާބު ފަސްކުރަން ފަލަސްތީނު ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މަރުވި ނިޒާރު ބަނަތަށް ފުލުހުން އަނިޔާ ކުރިކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އޭނާގެ ބޮލާއި، މެއާއި ކަރު އަދި ފަޔަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ދީފަ އެވެ.
މިމައްސަލައިގެ ތަހުގީގުތައް ކުރިއަށް ގެންދާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ.