އިންޑިއާގެ ހިންދޫ ދީނަށް ނިސްބަތްވާ މީހަކު އެގައުމުގެ 200 އަށްވުރެއް ގިނަ މިސްކިތުގައި ކީރިތި ގުރުއާނުގެ އާޔަތްތައް ލިޔެދިނުމުގެ ފަންނުވެރި މަސައްކަތް ކުރަމުން އެބަ ދެ އެވެ.
އެމީހާ މި މަސައްކަތް ކުރާތާ 30 އަހަރަށްވުރެއް ގިނަ ދުވަސް ވެއްޖެ އެވެ. ހައިދްރަބާދުގައި ދިރިއުޅޭ އުމުރުން 50 އހަަރުގެ އަނިލް ކުމާރު ޗޯހާން ނަމަކަސް ކިޔާ މި މީހާއަކީ ކުރިން ފިހާރައާ އެނޫންވެސް ވިޔަފާރި ބޯޑުތަކުގައި ލިޔެދީ ކުރެހުމުގެ މަސައްކަތް ކުރި މީހެކެވެ. އޭނާ ކިޔައިދިން ގޮތުން އޭނާ އުފަންވީ ވަރަށް ފަގީރު ހިންދޫ އާއިލާ އަކަށެވެ. އެހެންކަމުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެހެންނަމަވެސް ކުރެހުމަކީ ޝައުގުވެރިކަން ހުންނަ ކަމަކަށްވާތީ އެކި ތަންތަނުގައި ކުރަހައި ހެދިކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ހޮންދޫއިންގެ ފައްޅި ތަކުގައިވެސް އޭނާ ކުރަހައެވެ. އެގޮތުން 30 ފައްޅިއެއްގައި މިހާތަނަށް އެއްޗެހި ލިޔެދިންކަމަށް ބުންޏެވެ. އޭގެ ފަހުން މިސްކިތްތަކުގައި ކީރިތި ގުރުއާނުގެ އާޔަތްތައް ލިޔެފައި ހުރިތަން ފެނުމުން އެކަމަށް ޝައުގުވެރިކަން އުފެދުނުކަމަށް ބުންޏެވެ.
އެންމެ ފުރަތަަމަ 100 މިސްކިތެއްގައި ހިލޭ އެމަސައްކަތް ކުރުމުން އެކަން އޭނާ ކުރާ ގޮތް ރަނގަޅުކަމުން އިތުރު މިސްކިތްތަކުގައި ލިޔުމުގެ ފުރުސަތު ލިބުނުކަމަށް ޗޯހާން ބުންޏެވެ. މިހާރު މަހަކު 350 ޑޮލަރު އާމްދަނީގެ ގޮތުގައި އޭނާއަށް ލިބެ އެވެ.
ޗޯހާންއަކީ އެއްވެސް ސްކޫލަކުން ނުވަތަ ޔުނިވާސިޓީއަކުން އަރަބި ދަސްކުރި މީހެއް ނޫނެވެ. އެހެންނަމަވެސް އެކި ލިޔުންތައް ބަލައި ދަސްކޮށްގެން އެ މަސައްކަތް ކުރަމުން ދިޔަ ކަމަށް ބުންޏެވެ. މީހުންގެ އެހީތެރިކަމާއިއެކު މިހާރު އާޔަތްތައް ލިޔަން ވަރަށް ފަރިތަކަމަށް އޭނާ ބުންޏެވެ.
އަރަބި ބަހަކީ ދަސްކުރަން ފަސޭހަ ބަހެއް ކަމަށާއި ގުރުއާނުގެ އާޔަތްތައް ލިޔަން ފެށުމުން އެބަހަށް އަދި ކެލިގްރަފީއަށްވެސް ލޯބި ޖެހުނުކަމަށް ޗޯހާން ކިޔައިދެ އެވެ. ކެލިގްރަފީއަކީ ރީތި ޑިޒައިންތަކަށް އެއްޗެހި ލިޔުމެވެ.