އިންޑިއާއިން ޕާކިސްތާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފިއެވެ.
މިއީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި ހާދިސާއަކީ ޕާކިސްތާނުގެ ތާއީދާ އެކު ހިންގި އަމަލެއް ކަމަށް ބުނެ އިންޑިއާއިން ދެމުން ދިޔަ އިންޒާރުތަކަށް ފަހު ދިން ހަމަލާއެއް ކަމަށް އަސްކަރިއްޔާ ވަނީ ބުނެފައެވެ. އެ ހަމަލާގައި މަރުވި ގިނަ މީހުންނަކީ އިންޑިއާ ފަތުރުވެރިންނެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ރޭ ދަންވަރު "އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި ދިން އެ ހަމަލާތަކުގައި ކަޝްމީރުގެ ނުވަ ތަނަކަށް ހަމަލާދީފައިވާ ވާނެ ކަމަށެވެ. އިންޑިއާއިން ހަމަލާ ދިން ތަނުގެ ތެރޭގައި ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ތިން ތަނަކާއި އެ ގައުމުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ދެ ތަނެއް ކަމަށްވާ ބަހާވަލްޕޫރާއި މުރިދްކޭ ހިމެނެ އެވެ.
މި ހަމަލާގެ ރައްދުގައި އިންޑިއާގެ ފަސް މަތިންދާބޯޓަށް ބަޑިޖަހައި ވައްޓާލަފައިވާ ކަމަށާއި ގިނަ އަދަދެއްގެ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނުން ބުނެއެވެ.
ޕާކިސްތާނުގެ އޮފިޝަލުން ބުނީ، އިންޑިއާގެ ހަމަލާތަކުގައި ގާތްގަޑަކަށް އަށް މީހުން މަރުވެ 35 އަށް ވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމަށެވެ.