ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ ޗައިނާއިން މެލޭރިއާ ނައްތާލައިފި އެވެ.
އެގައުމުން މެލޭރިއާ ނައްތައިލިކަން މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާން ކޮށްފަ އެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް އިއުލާން ކުރީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޗައިނާއިން މެލޭރިއާގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާތީ އެވެ.
ބައްޔެއް ނައްތާލާފައިވާކަން ރަސްމީކޮށް ކަނޑައަޅަނީ ބަލީގެ އެއްވެސް ކޭސްއެއް ނުފެންނަތާ އެންމެ މަދުވެގެން 3 އަހަރު ވުމުންނެވެ.
ޗައިނާއިން މެލޭރިއާ ނައްތައިލަން ޥޭތުވެދިޔަ 70 އަހަރު ވަންދެން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގައުމުގައި މެލޭރިއާގެ ހާލަތު އެންމެ ބޮޑަށް ގޯސްވީ ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭރު އަހަރަކު ޗައިނާއިން 30 މިލިއަނެއްހާ މީހުންނަށް އެ ބަލި ޖެހެ އެވެ.
ޗައިނާއިން މެލޭރިއާ ނައްތައިލެވިފައިވާކަން އިއުލާން ކުރިއިރު އެގައުމަކީ މި ލިސްޓުގައި ހިމެނުނު 40 ވަނަ ގައުމެވެ. މި ލިސްޓުގައި ހިމެނެނީ މެލޭރިއާ ނައްތައިލުމަށް މަސައްކަތް ކޮށް އެކަން ކާމިޔާބު ކުރާ ގައުމުތަކެވެ. އެކަމަށް މަސައްކަތް ނުކޮށް އަމިއްލައަށް ބަލި ނެތިގެންދިޔަ ގައުމުތަކުގެ ލިސްޓުގައިވެސް 61 ގައުމެއްގެ ނަން އޮވެ އެވެ.
މެލޭރިއާ ނައްތައިލި ގައުމުތަކުގެ ތެރޭގައި އޭޝިއާ ސަރަަހައްދުގެ 30 ގައުމެއް ހިމެނެ އެވެ. ރާއްޖެއިން މި ބަލި ނައްތާލިކަން ރަސްމީކޮށް އިއުލާން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ. މިސަރަހައްދުގައި މެލޭރިއާގެ ހާލަތު އެންމެ ގޯސް ގައުމަކީ އިންޑިއާ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު މެލޭރިއާގެ ހާލަތު އެންމެ ގޯސްކޮށް އުޅެނީ އެފްރިކާ ސަރަހައްދުގެ ގައުމުތަކުގަ އެވެ. އެގޮތުން މި ބަލީގައި މަރުވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ އެފްރިކާގެ ގައުމުތަކުން މަރުވާ މީހުންނެވެ.