އެންމެ މަދުވެގެން 28 މީހުންނާއެކު ދަތުރުކުރި ރަޝިޔާގެ ފްލައިޓެއް ގެއްލިއްޖެ އެވެ.
އަލް ޖަޒީރާއިން ދާދި ދެންމެއަކު ރިޕޯޓު ކުރި ގޮތުގައި އޭއެން-26 މަރުކާގެ މި ބޯޓު ގެއްލުނީ ކަމްޗަތުކާ ޕެނިސުއޭލާ ސަރަހައްދުންނެވެ. މިއީ ރަޝިއާގެ އިރުމަތިން ސައުތު އޭޝިއާއާއި ގުޅޭ ހިސާބުގައި އޮންނަ ފާ އީސްޓުގެ ސަރަހައްދެކެވެ.
އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ޕެޓްރޮޕަވްލޮލްސްކް ކަމްޗަތުސްކައި އިން ޕެލަނާ އަށެވެ. ޕެލަނާ އަކީ ކަމްޗަތުކާ ޕެނިސުއޭލާ ސަރަހައްދުގައި އޮންނަ ހިސާބެކެވެ. ބޯޓު ގެއްލުނުކަން އިއުލާން ކޮށްފައި މިވަނީ ފްލައިޓު ޖައްސާނެކަމަށް ޝެޑިއުލް ކުރި ވަގުތު ފަހަނަ އަޅާ ދިޔަތާ އެތައް ގަޑިއިރެެއް ފަހުން އޭގެ ހަބަރެއް ނުވެގެންނެވެ.
ބައެއް ސޯސްތަކުން ބުނާ ގޮތުގައި ފްލައިޓުގެ ހަބަރު ހުސްވީ ލޭންޑު ކުރަން އެއާ ޓްރެފިކް ކޮންޓްރޯލާއި ވާހަކަ ދައްކަމުން ދަނިކޮށެވެ. ފްލައިޓު ގެއްލުމާއި ގުޅިގެން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ދެ ހެލިކޮޕްޓަރާއި އެހެން އެއާލައިނެއްގެ ފްލައިޓެއް، ހޯދުމުގެ މަސައްކަތުގައި އުޅޭކަމަށް މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފްލައިޓު ދަތުރު ކުރީ 6 ކްރޫ މެމްބަރުންނާއި 22 ޕެސެންޖަރުންނާއިއެކު އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ.
މިއީ ކަމްޗަރުކާ އޭވިއޭޝަން އެންޓަޕްރައިޒްގެ ފްލައިޓެކެވެ. 1982 ވަނަ އަހަރުން ފެށިގެން އެ ފްލައިޓު ގެންދަނީ އޮޕަރޭޓު ކުރަމުންނެވެ.
އެކި މީޑިއާތަކުގައި ރަޝިއާގެ އިދާރާތަކާއި ހަވާލާދީ އެކި ގޮތަށް ރިޕޯޓުކޮށްފައިވާއިރު ބައެއް ރިޕޯޓުތައް ބުނަނީ ބެލެވޭ ގޮތުގައި މި ފްލައިޓު މޫދަށް ވެއްޓުނީކަމަށެވެ. އަނެއްބައި ރިޕޯޓުތައް ބުނަނީ އެސަރަހައްދުގައި ހުރި ކޯލް މައިންތަކާ ހިސާބުން ވެއްޓުނީ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފްލައިޓު ގެއްލުނީ ޕަލަނާ އެއާޕޯޓާއި 10 ކިލޯމީޓަރު ދުރުންނެވެ. މީގެ ކުރިންވެސް މިފަދަ ހާދިސާތައް ރަޝިޔާގައި ހިނގާފައި އެބަހުއްޓެވެ. މެއިންޓެނެންސް ދަށްވުމުގެ ސަބަބުން ހިނގާ މިފަދަ ހާދިސާތައް ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެވެސް ވަރަކަށް މަދު ވިއެވެ. އެންމެ ފަހުން ބޮޑު ހާދިސާއެއް ހިނގައިގެން ރިޕޯޓު ކުރީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެފަހަރު ހިނގި ހާދިސާގައި ފްލައިޓެއް ޖެއްސުމުގެ ތެރެއިން ކްރޭޝްވެ އަލިފާން ރޯވުމުގެ ސަބަބުން 41 މީހުން މަރުވި އެވެ. އެ ހާދިސާ ހިނގީ މޮސްކޯ އެއާޕޯޓުގަ އެވެ.