އިންޑިއާ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެގޮތުން މިއަދު އިސްތިއުފާ ދެއްވީ ހެލްތު މިނިސްޓަރު ހަރްޝް ވަރްދަންގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރަވީ ޝަންކަރު ޕްރަސާދާއި ބްރޯޑްކާސްޓިންގް މިނިސްޓަރު ޕްރަކާޝް ޖާވަދޭކަރް އެވެ.
މިއަދު އިސްތިއުފާ ދެއްވި ޕްރަސާދަކީ އައިޓީ މިނިސްޓްރީގެ އިތުރުން ލޯ އެންޑް ޖަސްޓިސް މިނިސްޓްރީވެސް ހިންގަވަމުން އައި މިނިސްޓަރެވެ. އަދި ޖާވަދޭކަރް އަކީ އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖު އަދި ޕަބްލިކް އެންޓަޕްރައިޒަޒް ވެސް ބަލަހައްޓަވަމުން ގެންދެވި މިނިސްޓަރެވެ.
ޕްރަސާދާއި ޖާވަދޭކަރް މިނިސްޓަރުގައި ހުންނަވައި ދާދި ފަހުން ވަނީ އައިޓީ ދާއިރާގެ އާ ގަވާއިދުތަކެއް އެކުލަވާލައި އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއިއެކު ބައެއް ބޮޑެތި އެޕްލިކޭޝަންތަކެއް އިންޑިއާގައި ލިމިޓް ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. ޓްވިޓާ ފޭސްބުކް ހިމެނޭހެން ބައެއް ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އެއްކުރާ މައުލޫމާތުތައް އިންޑިއާގައި މަނާކުރަން އެކުލަވައިލި މި ގަވައިދަށް މިދިޔަ މެއި މަހުގެ ފަހުކޮޅު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
މިމައްސަލައިގައި ދެ މިނިސްޓަރުންވެސް ވަނީ ހޫނު ފެނަށް ވެއްޓި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެހެންނަމަވެސް މިއީ އިސްތިއުފާ ދިން ސަބަބުކަމެއް މުޅިން ކަށަވަރެއް ނުވެ އވެެ.
ހެލްތު މިނިސްޓަރު ހަރްޝް ވަރްދަން އާއިއކު އޭނާގެ ޑެޕިއުޓީ އަޝްވަނީ ޗޯބޭވެސް މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. މިދެ ބޭފުޅުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ކޮވިޑް-19 ގެ ދެވަނަ ރާޅެއް މިއަހަރު ތެރޭގައި އިންޑިއާގައި ފެށި ކޮންޓްރޯލުން ނައްޓައި އެތައް ހާސް ބަޔަކު މަރުވެގެން ދިޔުމުން އިންޑިއާ ސަރުކާރުން ކޮވިޑު މެނޭޖް ނުކުރެވުމުގެ ޒިންމާ ހެލްތު މިނިސްޓަރަށް މަތިކުރި އެވެ. މިކަމާއި ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށްވެސް ޕްރެޝަރުތަކެއް ކުރިމަތިވި އެވެ.
މޯދީގެ އެންގެވުމުގެ މަތިން ތިން މިނިސްޓަރުގެ އިސްތިއުފާވެސް އިންޑިއާގެ ރައީސް ގަބޫލު ކުރައްވާފައިވާކަން އިންޑިއާގެ ޕްރެސް ސެކެޓްރީ އަޖޭ ކުމާރު ސިންގް ވަނީ ކަށަވަރުކޮށްދީފަ އެވެ.